ކުރީގެ މަޝްހޫރު ފިލްމީ ތަރި އިބްރާހިމް ޝާކިރު (ޝާކިރުބެ) ނިޔާވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާކިރުބެ ނިޔާވީ ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެނިކޮށެވެ.

ޝާކިރުބެ ނިޔާވިއިރު އުމުރަކީ 85 އަހަރެވެ. ޝާކިރުބެގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގަ އެވެ.

ޝާކިރުބެއަކީ ފިލްމުތަކުންނާއި ޑްރާމާތަކުން އާއްމުންގެ މެދުގައި މަގްބޫލު ބޭފުޅެކެވެ. އެގޮތުން އާއްމުންގެ މެދުގައި މަގްބޫލު އެތައް ފިލްމްތަކަކާއި ޑްރާމާތަކެއްގައި ޝާކިރުބެ ހަރަކާތްތެރިވެފައިވެ އެވެ.

ދިވެހީންގެ މެދުގައި ވަރަށް މަގުބޫލު ވެފައިވާ މުހައްމަދުއްރަސޫލުﷲ ގައި ވެސް މުހިންމު ބައެއް ކެރެކްޓާތަކަށް ޝާކިރުބެ އަޑު އަޅާފައިވެ އެވެ. ޔޫސޭގެ މަޝްހޫރު "ދިރިއުޅުމަކީ މިއީބާ" ގައި ވެސް ޝާކިރުބެ މުހިންމު ރޯލުތަކެއް އަދާ ކޮށްފައިވެ އެވެ.

މީގެ އިތުރުން ޝާކިރުބެ ވަނީ ޓީވީއެމްގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.

ވަކި ހިސާބަކުން ފިލްމީ ދާއިރާއަށް ދުރަށް ދިޔަ ޝާކިރުބެ ވަނީ ސަރުކާރަށް 35 އަހަރު ހިދުމަތްކޮށްދީފަ އެވެ.