އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަރަށް ބޮޑަށް އިތުރުވެ، ޖުމްލަ 1.7 ބިލިއަން ރުފިޔާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ޖަމާކޮށްފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާއިން މިއަދު އާއްމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިންކަމް ޓެކްސްގެ ގޮތުގައި ޖުމްލަ 783.7 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. އިންކަމް ޓެކްސްގެ ތެރޭގައި ހިމެނެނީ ކުންފުނިތަކާއި ވަކިފަރުދުން ފިޔަވައި އަދި ނޮން ރެސިޑެންޓް ވިތުހޮލްޑިން ޓެކްސް އަދި ފަރުދުންގެ ޓެކްސް އަދި ބޭންކް އިންކަމް ޓެކްސް އެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ގްރީން ޓެކްސް އާއި ޖީއެސްޓީ އަދި ޓޫރިޒަމް ޖީއެސްޓީން ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. މިގޮތުން ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 5.2 މިލިއަނަށް ދަށްވެފަ އެވެ. އަދި ޖީއެސްޓީގެ ގޮތުގައި ލިބުނު މިންވަރު 55 ޕަސެންޓް ދަށްވެފަ އެވެ. ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު ލިބިފައި ވަނީ 293.9 މިލިއަން ރުފިޔާ އެވެ. މީގެ ތެރޭގައި ޖެނެރަލް ޖީއެސްޓީގެ ގޮތުގައި ލިބުނު 257.1 މިލިއަން ރުފިޔާ އާއި ޓޫރިޒަމުން ލިބުނު 36.7 މިލިއަން ރުފިޔާ ހިމެނެ އެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޑޮލަރުން އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 21.6 މިލިއަން ޑޮލަރެވެ. އެއާއެކު ޖުމްލަ ޖަމާކޮށްފައި ވަނީ 1.7 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި މީރާއަށް ޖަމާކޮށްފައި ވަނީ 862.9 މިލިއަން ރުފިޔާ އެވެ.
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ޓެކްސް އާއި އެހެނިހެން އާމްދަނީގެ ގޮތުގައި މީރާއަށް ޖަމާކޮށްފައި ވަނީ 7.7 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 11.9 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއަހަރުގެ އާމްދަނީ އެންމެ ބޮޑަށް ދަށްވީ ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމުން ޓޫރިސްޓުން އައުން މަދުވުމުންނެވެ.