ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުން ގުނަމުން އައި ގޮތާއި ޖަލްސާތަކުގެ ކޯރަމް ކަނޑައަޅާ ގޮތަށް އެ މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު ބަދަލެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާ ގުޅިގެން ގަވައިދަށް ބަދަލު ގެނައި ފަހުން މަޖިލިހުން ފާސްކުރި ކަންކަމާ މެދު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދެއްވާނީ ގައުމީ މަސްލަހަތު އިސްކުރައްވައިގެން ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
އުޝާމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އޭނާގެ ގާނޫނީ ރައުޔަކީ މަޖިލީހުން މެމްބަރުންގެ ޖުމްލަ އަދަދަކީ 80 ކަމަަށް ކަނޑައެޅި ކަނޑައެޅުން ގާނޫނުއަސާސީއާ ހިލާފު ކަމެވެ. އަދި ސުޕްރީމް ކޯޓުން ވެސް އެގޮތަށް ނިންމާފައިވާ ކަމަށް އުޝާމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޖުމްލަ އަދަދަކީ 80 ކަމަށް އެ މަޖިލީހުން ނިންމި ނިންމުން ގާނޫނުއަސާސީއާ ހިލާފުކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅުމާ ގުޅިގެން، މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ބަލައިގެން މަޖިލީހުން ނިންމާފައިވާ ނިންމުންތަކާއި މެދު ގާނޫނީ ގޮތުން ސުވާލު އުފެދިފައިވާތީ، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ ފަސް ވަނަ އިސްލާހު ތަސްދީގުކުރުމާ ގުޅޭގޮތުން ގާނޫނީ ލަފަޔަކަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާކަން ފާހަގަކުރައްވާ އުޝާމް ވިދާޅުވީ އެކަމާ ގުޅޭގޮތުން މިއަދު ރައީސް ޑރ. މުއިއްޒަށް ލަފާ އަރުއްވާނެ ކަމަށެވެ.
"ދައުލަތުގެ ބާރުތަކުގެ މެދުގައި އަބަދު އަރާރުންވުމަކީ ރަނގަޅު ކަމެއް ނޫން. ހުރިހާ ފަރާތްތަކުން ވެސް ކަންކަން ނިންމަންވާނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން. އަޅުގަނޑު ރައީސަށް ގާނޫނީ ލަދާ ދިނުމުގައި ވެސް ބަލާނީ މި ކަންކަމަށް،" އުޝާމް ވިދާޅުވި އެވެ.
މި ހިނގާ 19 ވަނަ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 87 އެވެ. ނަމަވެސް އާ ސަރުކާރުގެ ވަޒީރުކަމުގެ މަގާމުތަކަށާއި ކުންފުނިތަކުގެ ވެރިންގެ ގޮތުގައި މަޖިލީހުގެ ހަތް މެންބަރަކު ވަނީ ވަޑައިގެންފަ އެވެ. އެހެންވެ އެ ގޮނޑިތައް ހުސްވުމުން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 80 އަށް މަޖިލީހުން ފާސްކުރި އިސްލާހުގައިވެ އެވެ.
މިއަދު ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ބުނީ މަޖިލީހުން ކަންކަން ނިންމުމުގައި އެކި މައްސަލަތަކުގައި އެކި އަޣުލަބިއްޔަތު ގާނޫނުއަސާސީގައި ކަނޑައަޅާފައިވަނީ މުހިންމު ބޭނުމެއްގައި ކަމަށެވެ. އެއީ ހައްސާސީ މައްސަލަތަކުގައި ވީހާ ވެސް ގިނަ ރައްޔިތުން އެ ނިންމުންތަކުގައި ޝާމިލްވުން ކަމަށް ހުކުމްގައިވެ އެވެ.
މަޖިލީހުގެ ކޮންމެ ގޮނޑިއަކީ އެންމެ މެންބަރަކަށް ނިސްބަތްވާ ގޮނޑިއެއް ނޫން ކަމަށާއި އެ ގޮނޑީގެ ފަހަތުގައި އެތައް ހާސް ރައްޔިތުންނެއް ތިބޭ ކަމަށް ހުކުމްގައިވެ އެވެ. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ އަޑު ކަމަށާއި އެއީ ރައްޔިތުންގެ ބާރު ކަމަށް ވެސް ސުޕްރީމް ކޯޓުގައި ބުންޏެވެ.
އެހެންކަމުން، މަޖިލީހުގެ ގޮނޑިއެއް ހުސްވުމަކީ އެ ދާއިރާއެއް މަޖިލީހުގައި އެއްކޮށް ތަމްސީލް ކުރުން ހުއްޓޭނެ ކަމެއް ނޫން ކަމަށް ހުކުމްގައި ބުންޏެވެ. ގޮނޑީގައި މެންބަރަކު ނެތުމުން ވަކި ގޮތަކަށް އެ ދާއިރާއަށް ވޯޓު ނުދެވިދާނެ ކަމަށާއި ނަމަވެސް، އެ ހުސް ގޮނޑި ވެސް ހުރިކަމާއި ރައްޔިތުންތަކެއް ތިބިކަން އިހްސާސް ކުރެވޭނެ ކަމަށް ހުކުމްގައިވެ އެވެ.