ރޯދަ މަސް ތެރޭގައި އެއްވެސް އިންތިހާބެއް ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ގެނައި ބިލް ރައްޔިތުންގެ މަޖިލީހުން ދެ ވަނަ ފަހަރަށް ފާސް ކުރުމާ ގުޅިގެން އިލެކްޝަން ކޮމިޝަން (އީސީ) އިން އަމަލު ކުރާނެ ގޮތެއް ބެލުމަށް އެ ކޮމިޝަންގެ މެމްބަރުން މަޖިލިހަށް ހާޒިރު ވާން އަންގައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ހާޒިރުވާން އަންގާފައި ވަނީ އަންނަ ހޯމަ ދުވަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ.

މަޖިލީހުން އެ ކޮމިޝަނަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އިންތިހާބު ފަސްކުރުމުގެ ބިލް ދެވަނަ ފަހަރަށް ފާސްކޮށްފައިވާތީ، އިލެކްޝަން ކޮމިޝަނުން މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާ ގޮތާ މެދު މަޝްވަރާ ކުރަން ކޮމިޓީ މެންބަރުން ބޭނުންވާ ކަމަށެވެ.

މަޖިލީހުން ފާސްކުރި ބިލަށް އަމަލު ނުކުރާ ނަމަ އިލެކްޝަން ކޮމިޝަންގެ މެންބަރުން މަޖިލިހުގެ ކޮމިޓީއަށް ހާޒިރުކޮށް ޖަވާބުދާރީކުރުވާނެ ކަމަށާއި އެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ޖެހިއްޖެ ނަމަ، އެކަން ވެސް ކުރަން ތައްޔާރަށް ތިބި ކަމަށް އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ ވިދާޅުވެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އިންތިހާބު އަންނަ މަހުގެ 17 ގައި ބާއްވާށެވެ. އެކަމަކު، އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް ބޭނުން ވަނީ މަޖިލިހުގެ އިންތިހާބު ރޯދަ މަހުގެ ފަހުން ބާއްވާށެވެ. އެހެންވެ، އެމްޑީޕީގެ ކޮންޓްރޯލް އޮންނަ މަޖިލިހުން ދެ ފަހަރެއްގެ މަތިން އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސް ކުރި އެވެ.

އެކަމަކު، އެ ބިލް ތަސްދީގު ކުރެއްވުމުގެ ވިސްނުންފުޅެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ނުގެންގުޅުއްވަ އެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގުނުމުގައި އަމަލު ކުރަން ވާނީ ކުރިން ވެސް އޮންނަ ގޮތަށް ޖުމްލަ މެމްބަރުންގެ 87 މެމްބަރުން ހިމަނައިގެން ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާތީ ގަވައިދަށް ބަދަލު ގެނައި ފަހުން މަޖިލިހުން ނިންމި ނިންމުންތަކުގެ ސައްހަ ކަމާ މެދުގައި ސުވާލު އުފެދިފައިވާ ކަމަށެވެ.

އެހެންވެ، އެކަމުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ ލަފައަކަށް އެދިވަޑައިގަންނަވާނެ ކަމަށާއި އުޝާމްގެ ލަފައާ އެކުގައި ބިލް ތަސްދީގު ކުރަން ޖެހިއްޖެ ނަމަ، އެކަން ވެސް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.