ބޮލީވުޑްގެ ރީތީގެ ރާނީގެ ގޮތުގައި ގިނަބަޔަކު އިއްތިފާގުވާ ބަތަލާ އައިޝްވާރްޔާ ރާއީ އަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަބައެއްގެ ތާއީދާއި މަގުބޫލުކަން ހޯދި އެކްޓްރެސްއެކެވެ.

ބޮލީވުޑްގެ ކާމިޔާބު ގިނަ ފިލްމުތަކެއް އައިޝްވާރްޔާއަށް ހުށަހަޅާފައިވާއިރު އޭނާ ވަނީ އޭގެ ތެރެއިން ބައެއް ފިލްމުތަކަށް ނޫނެކޭ ބުނެފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ފިލްމުތަކަށް ބަލާލާނަމެވެ.

ރާޖާ ހިންދުސްތާނީ

1996 ވަނަ އަހަރު ނުކުތް "ރާޖާ ހިންދުސްތާނީ" އަކީވެސް ފުރަތަމަ އައިޝްވާރިޔާއަށް ހުށަހެޅި ފިލްމެކެވެ. އޭރު އަދި އޭނާ ފިލްމީ ދާއިރާއަކާ ނުވެސް ވަދެ އެވެ. ފެމިނާއަށް ދިން އިންޓަވިއުއެއްގައި އައިޝްވާރިޔާ ވަނީ އެކަން ހާމަކޮށްފަ އެވެ. އައިޝްވާރިޔާ މި ފިލްމު ދޫކޮށްލުމުން ދެން އެ ރޯލު ކުޅުނީ ކަރިޝްމާ ކަޕޫރެވެ. މި ފިލްމު ކުޅެގެން ކަރިޝްމާއަށް ވަނީ ފިލްމުފެއާ ބެސްޓް އެކްޓްރެސް އެވޯޑް ލިބިފަ އެވެ.

ކުޗް ކުޗް ހޯތާ ހޭ

ފިލްމު ބަލާ މީހުންގެ ހިތުގެ އެންމެ ފުނުގައި ބިންވަޅު ނެގިފައިވާ އެއް ފިލްމަކީ 1998 ވަނަ އަހަރު ކަރަން ޖޯހަރް ގެނެސްދިން "ކުޗް ކުޗް ހޯތާ ހޭ" އެވެ. ފިލްމުގައި ޓީނާގެ ރޯލަށް ތަރިއެއް ހަމަޖެއްސުން ކަރަންއަށް ވީ ވަރަށް އުނދަގޫ ކަމަކަށެވެ. ސަޕޯޓިން ރޯލަކަށްވުމާއި އެކި ސަބަބުތަކާ ގުޅިގެން ވަރަށް ގިނަ ތަރިން އެ ރޯލު ކުޅޭކަށް އެއްބަހެއް ނުވި އެވެ. އޭގެ ތެރެއިން އެކަކަކީ އައިޝްވާރިޔާ އެވެ.

އޭނާ އެ ރޯލު ނުކުޅުނީ އޭނާ މިސް ވޯލްޑަށް ވެފައި އެ ރޯލަކީ ވަރަށް އަންހެންވަންތަ ރޯލަކަށްވުމުން އެ ރޯލު ކުޅެފިނަމަ އޭނާ ކުޅެނީ ހަމައެކަނި އެކަހަލަ "ގްރޭސްފުލް" ރޯލުތައް ކަމަށް ބުނެ އައިސްދާނެ ފާޑުކިޔުންތަކާ ހެދި ކަމަށް އައިޝްވާރިޔާ ބުނެފައިވެ އެވެ. ފަހުން އެ ރޯލު ކުޅުނީ ރާނީ މުކަރްޖީ އެވެ. އެއީ ރާނީގެ ފިލްމީ ކެރިއަރަށް އިންގިލާބެއް ގެނައި ފިލްމުކަން ފާހަގަކޮށްލެވެ އެވެ.

ވީރް-ޒާާރާ

2004 ވަނަ އަހަރުގެ ސުޕަހިޓް ފިލްމު "ވީރް ޒާރާ" އަކީވެސް ފުރަތަމަ އައިޝްވާރިޔާއަށް ހުށަހެޅި ފިލްމެކެވެ. ނަމަވެސް ވަކި ސަބަބެއް ހާމަނުކޮށް އޭނާ ވަނީ މި ފިލްމު ވެސް ދޫކޮށްލާފަ އެވެ. އައިޝްވާރިޔާ މި ފިލްމު ދޫކޮށްލުމުން ޝާހްއާއެކު މި ފިލްމު ކުޅުނީ ޕްރީތީ ޒިންތާ އެވެ. މިއީ ޕްރީތީގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމެވެ.

ޓްރޯއީ

ބްރެޑް ޕިޓް ލީޑް ރޯލު ކުޅުނު ހޮލީވުޑް ފިލްމު "ޓްރޯއީ" ވެސް އައިޝްވާރިޔާއަށް ހުށަހެޅި އެވެ. އޭނާއަށް ފިލްމުން ހުށަހެޅީ ބްރީސިސްގެ ރޯލެވެ. ނަމަވެސް އައިޝްވާރިޔާ ވަނީ މި ފިލްމުވެސް ދޫކޮށްލާފަ އެވެ.

ބާޖީރާއޯ މަސްތާނީ އަދި ޕަދްމާވަތު

ސަންޖޭ ލީލާ ބަންސާލީ ގެނެސްދިން ދެ ފިލްމު "ބާޖީރާއޯ މަސްތާނީ" އަދި "ޕަދުމާވަތު" ވެސް އައިޝްވާރިޔާއަށް ހުށަހެޅި އެވެ. ސްޕޮޓްބޯއީއަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ އެކަން ހާމަކޮށްފަ އެވެ. ފަހުން "ބާޖީރާއޯ މަސްތާނީ" ކުޅުނީ ރަންވީރް ސިންގއާއި، ދީޕިކާ ޕަޑުކޯން އަދި ޕްރިޔަންކާ ޗޯޕްރާ އެވެ. "ޕަދުމާވަތު"ގެ ތަރިންނަކީ ދީޕިކާ ޕަޑުކޯން، ރަންވީރް ސިން އަދި ޝާހިދު ކަޕޫރެވެ.