ވ. އަތޮޅަކީ ރާއްޖޭގެ އެންމެ އާބާދީ ކުޑަ އަތޮޅެވެ. އެހެން ނަމަވެސް މި އަތޮޅަކީ ރާއްޖޭގެ ނިސްބަތުން ވަރަށް ގިނަ ރީތި ފަރުތަކެއް އެކުލެވިގެންވާ އަތޮޅެކެވެ. އަތޮޅުގެ ވެރިކަންކުރާ ފެލިދޫ ކުޑަޔަސް، އާބާދީ މަދަސް، އެރަށުގެ ރައިޔިތުންގެ އުއްމީދުތައް ކުޑައެއް ނޫނެވެ. ހުނަރުވެރިން މަދެއް ނޫނެވެ. ސަގާފީ ކުޅިވަރުތަކުގައި ފެލިދުއަކީ މުޅި ރާއްޖެއަށް ވެސް މަޝްހޫރު ރަށެކެވެ. ސުވެނިއާ ތައްޔާރު ކުރުމުގެ ހުނަރުވެރިން ވެސް މިރަށުގައި ގިނަ އެވެ.

އައިމިނަތު ރިޝީފާ ނުވަތަ އާންމު ނަމުންނަމަ އައިންތުއަކީ ވެސް އެފަދަ ގާބިލް ޒުވާނެކެވެ. ފެލިދޫއަށް އުފަން އެރަށު ހުދުއަސުރުމާގޭ ނަސްރީނާ އިސްމާއިލް އާއި އިސްމާއިލް ޚަލީލްގެ ދޮށީ ދަރިފުޅެވެ. ހަތަރު ކުދިންގެ އާއިލާއަކަށް އުފަންވި އައިތުއަކީ މަޑުމައިތިރި ހިތްހެޔޮ މިޒާޖެއްގެ ވެރިއެކެވެ. ސުވެނިއާ މަސައްކަތެއްގެ ގޮތުގަ ކުދި ދިވެހި ދޯނީ ހަދާ ހުނަރުވެރި ބައްޕަ އެއްގެ ހުނަރުވެރި ހީވާގި މަސައްކަތްތެރި ދަރިއެކެވެ.

ކުޑަ ކަޕްކޭކަކުން ފެށުނު ބޮޑު މަސައްކަތް

ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތުން އެންމެ ބޮޑަށް ތަރައްގީ ކުރެވިފައިވާ ރަށަކީ ރަށްވެހި މާލެ އެވެ. ގިނަ މީހުން މާލެއަށް ހިޖުރަކުރަން ޖެހެނީ މިސަބަބާ ހެދި އެވެ. އައިންތު ދެކޭގޮތުގައި އުފަން ރަށް ދޫކޮށް މާލެއަށް ދިރިއުޅުން ބަދަލުކުރުމަކީ ހައްލެއް ނޫނެވެ. ސާފު ވައި ލިބޭ، ރީތި މޫދާ ގޮނޑުދޮށަކީ އެންމެބޮޑު އުފަލެވެ.

ތޮށްޖެހިފައިވާ މާލޭން ލިބޭނެ ހިތްހަމަ ޖެހުމެއެއް ނޫނެވެ. އެމީހަކު ދިރިއުޅޭ ރަށެއްގައި ހުރެގެން، މާލެއިން ލިބެން ހުރި ފުރުސަތުތައް ބޭނުންކޮށް، ރަށަށް ތަރައްގީ ގެނައުމަކީ ކުރެވިދާނެ ކަމެކެވެ. އެންމެންނަށް އެކަމުގެ ލާބައާއި މަންފާ ލިބޭނެ ކަމެކެވެ. މާލެ ތޮއްޖެހުމަށް ލިބިގެން ދާނެ ހައްލެއް ވެސް މެ އެވެ. އައިންތު ވަނީ އެކަން ސާބިތުކޮށްދީފަ އެވެ.

"އަޅުގަނޑު ދެހާސް ފަނަރާގައި މާލެ ދާން ޖެހުނީ ބަލިވެގެން ޑޮކަޓަރަށް ދައްކަން. ކޭކު އެޅުމަށް ޝައުގުވެރިކަން ހުންނާތީ އެ ދުވަސްތަކުގައި ލިބުނު ހުސް ވަގުތުގަ ބައިވެރިވީ ދިހަ ދުވަހުގެ ކަޕްކޭކު ކޯހެއްގައި،" އައިންތު ގެ ކޭކުއެޅުމުގެ ދަތުރު ފެށުނު ގޮތް ހިއްސާކޮށްލި އެވެ.

އައިންތު އަޅާފައިވާ ވެޑިން ކޭކެއް

ކުދި ކަޕް ކޭކުން ފެށި މަސައްކަތް ފުޅާ ކުރިގޮތް ކިޔާދެމުން އައިންތު ބުނީ ބޮޑެތި ކޭކު އަޅަން ދަސްކުރީ ޔޫ ޓިއުބް ބަލައިގެން ކަމަށެވެ.

"ނުވަ އަހަރު ވެއްޖެ މި މަސައްކަތް ކުރާތާ. މިހާރު 3،000 އާ 4،000 އާގާތް ކުރާ އަދަދަކަށް ކޭކު އެޅިފައި ހުންނާނީ.. މީހުން ބުނޭ ވަރަށް މީރޭ ވެސް . އަދި މިހާތަނަކަށް ނެގެޓިވް ކޮމެންޓެއް ނާދޭ،" އައިންތު އުފަލާއެކު އޭނާގެ މަސައްކަތް މީހުން ބަލާގަތް މިންވަރު އަންދާޒާ ކުރަމުން ބުނެލި އެވެ.

ފެލިދޫއިން މުޅި ރާއްޖެއަށް އައިންތުގެ ކޭކް

އައިންތަކީ ފެލިދޫގައި ހުރި ހަމައެކަނި ކޭކުގެ މަސައްކަތް ކުރާ ފަރާތެވެ.

"ކޭކުއަޅަން ނޭނގޭއިރު ކޭކުކާން ބޭނުންވީމަ ހަދާގޮތަކީ ބޭބެއެއް ކައިރީ ބުނެގެން ކައިރި ރިސޯޓަކުން ކޭކު ގަންނަނީ. އެހާ ވެސް އުނދަގޫކޮށް އެކަން އޭރު އޮންނަނީ. އެކަން އެގޮތަށް ކުރަން ބޭނުން ނުވާތީ އަމިއްލައަށް ކޭކު އެޅުމުގެ މަސައްކަތް ފެށީ. މިހާރު ހުރިހާ ވައްތަރެއްގެ ކޭކު ވެސް އަޅަން އެނގޭ. އޭގެ ތެރޭގައި ޗޮކުލެޓް ކޭކާ، ބަޓާ ކޭކާ، ވެލްވެޓް ކޭކް ވެސް ހިމެނޭ. ކޭކުގެ ޖަހަން ވިޕިންގް، ބަޓާ ކްރީމް، ޗޮކްލެޓް އައިސިންގް ވެސް،" ކޭކުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު އައިންތު ކިޔައިދިނެވެ. .

ކޭކުގެ މަސައްކަތް ފުރަތަމަ ފެށިއިރު، އެމަސައްކަތަށް މާބޮޑު ތަރުހީބެއް ނުލިބޭނެ ކަމަށް ބައެއް މީހުން ބުނިކަން އައިންތު ފާހަގަކުރެ އެވެ.

އައިންތު އަޅާފައިވާ ވެޑިން އެނިވާސަރީ ކޭކެއް. ރާއްޖޭގެ އެކި ކަންކޮޅުތަކުން ކޭކު އޯޑަރު އޭނާއަށް ލިބޭ.

"މިމަސައްކަތެއް ނުހިނގާނެ އޭ އެއްބައި މީހުން ބުނި. ފެލިދޫއަކީ ކުޑަ އާބަދީއެއް ވީމަ ނުކުރެވޭނެޔޭ ވެސް ބުނި.. އެކަމަކު ވަރަށް ރަނގަޅަށް މިމަސައްކަތް އެބަހިނގާ. މިރަށުގެ އިތުރުން މާލެއިން ވެސް އޯޑަރު އާދޭ. މިކޮޅުން ފުރާ ފެރީ ނުވަތަ ލޯންޗަށް ލީމަ، އޯޑަރު ދިން ފަރާތް އައިސް ލޯންޗުން ނަގާނެ. އައްޑޫއަށް ވެސް ހަމަ އެގޮތަށް ކޭކު ފޮނުވާދީފައި ހުންނާނެ. ރާއްޖޭގެ ކޮންމެ ދިމާއަކުން ކޭކް އޯޑާއެއް އަޔަސް ފޮނުވައިދެވޭނެ،" އައިންތުގެ މަސައްކަތަށް ތަރުހީބު ލިބޭ މިންވަރު ފާހަގަ ކުރަމުން ބުނެލި އެވެ.

ފެލިދޫ އިން ރާއްޖޭގެ އެހެން ރަށްރަށަށް ފެރީގެ ދަތުރުތައް ގާއިމުވެފައިވާތީ ކޭކު ފޮނުވުމަކީ މިއަދު ފަސޭހަކަމެއްކަން އައިންތު ފާހަގަކުރެ އެވެ.

ފެލިދޫ ފަޚުރުވެރިވާ ހުނަރުން ފުރިގެންވާ ދަރިއެއް

ކޭކު އަޅާފައި ނިންމާލަކަށް އައިންތު ގަސްދެއް ނުކުރެ އެވެ. އޭނާއަށް ލިބިފައިވާ ހުނަރު އިތުރަށް ފުޅާކޮށް ކުރިއެރުވުމަކީ ލިބޭ އުފަލެކެވެ.

"އޯޑަރަށް ކޭކު އެޅުމުގެ އިތުރުން މިރަށުގަ ހުންނަ ކެފޭއެއް ހިންގާ ފަރާތެއްގެ އެދުމުގެ މަތިން ސިނަމަން ރޯލްސް އާ، ޑޯނަޓް ފަދަ ޕޭސްޓްރީގެ ވައްތަރުތައް ވެސް ތައްޔާރު ކޮށްދެން،" އައިންތުގެ ޕޭސްޓްރީ މަސައްކަތް ވެސް ހިއްސާކޮށްލި އެވެ.

މޮޅު ފެހުންތެރިއެއް

ކޭކު އެޅުމުގެ އިތުރުން ފެހުމުގެ މަސައްކަތަކީ ވެސް އައިންތު ވަރަށް ޝައުގުވެރިކަމާއެކު ކުރާ ކަމެކެވެ. ފެހުމުގެ މަސައްކަތަކީ ވަރަށް ކެތްތެރި މީހަކަށް ނޫނީ ނުވާނެ ކަމެއް ކަމަށް މީހުން ބުނެ އުޅޭތީ އަޑުއަހަ މެވެ. އެހެން ނަމަވެސް އައިންތު އެދަނީ ހިތްވަރެއް ހުރިއްޔާ އެއީ ވެސް ކުރެވިދާނެ ކަމެއްކަން ނަމޫނާ ދައްކަމުންނެވެ.

"ގިނައިން ފަހަނީ އަންހެން ކުދިންގެ ހެދުން. އަގަށްވެސް ފަހަން. ގޭގަ އުޅޭ އެންމެންގެ ހެދުން ފަހަނީ ހަމަ އަމިއްލަ އަށް،" ފެހުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ފާހަގަކޮށްލި އެވެ.

ފާމަސިސްޓެއް

ވ. އަތޮޅު ތައުލީމީ މަރުކަޒުން ޖީސީއީ އޯލެވެލް ހެދުމަށްފަހު ފުރަތަމަ ކުރި މަސައްކަތަކީ ކޮބައިތޯ ކުރިސުވާލުގެ ޖަވާބުގައި އައިންތު ބުނީ ފުރަތަމަ މަސައްކަތް ކުރީ އޯލެވެލް ނިންމި އަހަރު އެރަށުގައި ހުންނަ ފާމަސީގައި ކަމަށެވެ.

"އޭގެ ފަހުން 2006 ގައި ފާމަސީ ކޯސް ފުރިހަމަ ކުރީ މާލޭގައި. ކޯސް ނިންމުމަށް ފަހު އަނެއްކާވެސް ފާމަސީގަ 'ފާމަސިސްޓެއް'ގެ ގޮތުގައި ދެން މަސައްކަތް ކުރަން ފެށީ." ފެލިދޫ ފާމަސީގަ ހޭދަކުރި ދަވަސްތަށް ހަނދާނަށް ގެންނަމުން އައިންތު ކިޔައިދިނެވެ.

ވ. އަތޮޅު ހޮސްޕިޓަލްގެ ބަޖެޓް ބެލެހެއްޓާ އިސްވެރިޔާ

ފާމަސީގެ ވަޒީފާ ދޫކޮށް 2007 ގަ އައިންތު ދެން ގުޅުނީ ވ. އަތޮޅު ހޮސްޕިޓަލްގެ ވަޒީފާއަކަށެވެ.

އައިންތު އަކީ މޮޅު އެތައް ހުނަރެއް ލިބިފައިވާ ކުޅަދާނަ އަންހެނެއްް.

"ހޮސްޕިޓަލްގެ ބަޖެޓުގަ ފުރަތަމަ މަސައްކަތް ކުރީ. ވޭތުވެދިޔަ ސޯޅަ އަހަރު ދެމި މިހުރީ އެ މަސައްކަތުގައި. މިހާރު ހޮސްޕިޓަލުގެ ބަޖެޓު ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަން،" ވަޒީފާގެ ޒިންމާ ކުރިއަށް ވުރެ ބޮޑުކަން ފާހަގަކޮށްލި އެވެ. ވަޒީފާގެ ބުރަކޮށް އުޅެމުން ވެސް ވެސް އައިންތު އަންނަނީ އެ ދާއިރާއިން އިތުރަށް ކިޔަވަމުންނެވެ.

އައިންތުގެ މެސެޖް

ކޭކު އެޅުމުގެ މަސައްކަތް ކުރަން ބޭނުންވާ ކުދިންނަށް އައިންތު ދޭ ހިތްވަރުގެ މެސެޖެއް ވެ އެވެ.

"ކޭކު އެޅުމަކީ ކުރަން ވަރަށް ރަނގަޅު މަސައްކަތެއް. ބިޒީވިއަސް މިމަސައްކަތް ދޫކޮށް ނުލާ. މިއީ ވަރަށް ފައިދާ ލިބޭ މަސައްކަތެއް. އައިންތު ވެސް އުޅެނީ ވަރަށް އަވަދިނެތި. ވަރަށް ބިޒީކޮށް އުޅެމުން. ދަރިފުޅު ބަލަމުން، އޮފީހުގައި ވެސް މަސައްކަތް ކުރަމުން އަދި ކިޔަވަމުން ކޭކު އަޅަނީ،" އައިންތު ބުނެލި އެވެ.

މީހަކު ކުރިއަރައި ދިއުމުގައި އޭނާގެ ފަހަތުގައި އެތައް ބައެއްގެ އެއްބާރުލުމާ އެހީތެރިކަން ވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އައިންތުގެ ފަހަތުގައި ވެސް އެފަދަ ދިގު ލިސްޓެއް ވެ އެވެ.

"މި މަސައްކަތުގައި އަޅުގަނޑުގެ ފިރިމީހާ ވަރަށް ބޮޑަށް އެހީތެރިވެ ދޭނެ. އޭގެ އިތުރުން މަންމަ އާއި ބައްޕަ އަދި ކޮއްކޮމެންގެ އެހީތެރިކަމާ އެއްބާރުލުން ފާހަގަކުރަން،" އައިންތު އަށް އެހީތެރިވެދޭ އެންމެނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަމުން ބުނެލި އެވެ.