ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު މަޖިލީހަށް ހުށަހަޅާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު" މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ގޮވާލައިފި އެވެ.
އެމްއެމްސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މީޑިއާ ކޮންޓްރޯލްކުރާ ބިލު ފަރުމާކޮށްފައިވަނީ، ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގަށް ވަރަށް ބޮޑަށް ހުރަސްއެޅޭ ގޮތަށް ކަމަށެވެ.
"މީޑިއާތައް ރެގިއުލޭޓް ކުރުމަށް މިހާރު މި އޮތް މިނިވަން ސެލްފް ރެގިއުލޭޓަރީ ނިޒާމް އެއްކޮށް ބަދަލުކޮށް، އެއިރެއްގައި އޮންނަ ސަރުކާރަކަށް އަދި މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީއަކަށް މުޅި މީޑިއާގެ ކޮންޓްރޯލް ލިބޭ ގޮތަށް މި ބިލުގައި ހިމަނާފައިވޭ،" އެ ކައުންސިލުން ބުންޏެވެ.
މީޑިއާ ކޮންޓްރޯލްކުރާ ބިލުން އުފައްދާ ކޮމިޝަން އެކުލެވިގެންވާ ގޮތުން އަދި މެންބަރުން ވަކިކުރުމުގެ ބާރު ދީފައި އޮތް ގޮތުން މީޑިއާތައް މިނިވަންކަމާ އެކު މަސައްކަތް ކުރުމަށް ހުރަސް އެޅި، ވަރަށް ބޮޑަށް ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލީހަށް ލިބޭ ކަމަށް އެމްއެމްސީން ބުންޏެވެ.
އެމްއެމްސީން އިތުރަށް ބުނީ ނޫސްވެރިން ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ އެއްވެސް މައުލޫމާތެއްގެ މަސްދަރު އެއްވެސް މީހަކަށް ހާމަ ކުރުމަށް މަޖުބޫރު ކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެ ބިލު އެކުލަވާފައިވަނީ އެ ހައްގުވެސް ނިގުޅައިގަނެވޭ ގޮތަށް ކަމަށެވެ.
މީގެއިތުރުން އެމްއެމްސީން ބުނީ މީޑިއާތަކަށް ފިޔަވަޅު އަޅާ ގޮތަށް ހިމަނާފައިވާ ބައެއް މާއްދާތަކުގައި ހިމަނާފައި އިބާރާތްތަކީ، ސާފު އިބާރާތްތަކަށް ނުވާތީ، އެ އިބާރާތްތައް ބޭނުން ގޮތަކަށް މާނަކޮށްގެން ނާޖާއިޒު މަންފާ ނެގޭނެ ގޮތަށް ފުރުސަތު ހުޅުވިގެން ދާނެ ކަމަށެވެ.
"މީޑިއާތަކަށް ފިޔަވަޅު އެޅުމުގައި އެއްވެސް ކަހަލަ އަދުލުވެރިކަމެއް ނެތި ފިޔަވަޅު އެޅުމުގެ ދޮރު ހުޅުވި، ޝަރުއީ ނިޒާމުގެ ތެރެއިން މައްސަލައެއް ސާބިތު ނުވަނީސް، އެ މީޑިއާއެއް ހުއްޓުވާލުމުގެ ބާރު މި އުފައްދާ ކޮމިޝަނަށް ބިލުން ދީފައިވޭ،" އެމްއެމްސީން ބުންޏެވެ.
އެމްއެމްސީން ބުނީ ގާނޫނުއަސާސީގެ ރޫހާވެސް ހިލާފަށް އޮތް އެ ބިލަކީ، މިނިވަން ނޫސްވެރިކަމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްގެ ގޮތުގައި މި ކައުންސިލުން ދެކޭ ކަމަށާއި އެއީ ބުރަ މަސައްކަތުން ހޯދައިފައިވާ ނޫސްވެރިކަމުގެ މިނވަންކަން އެތައް އަހަރެއް ފަހަތަށް ގޮސް، ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ މިހާރު ލިބިފައި އޮތް ދަރަޖަ ވަރަށް ބޮޑަށް ވެއްޓިގެން ދާނެ ކަމެއް ކަމަށެވެ.
"ޒިންމާދާރު މިނިވަން ނޫސްވެރިކަމުގެ ވެއްޓެއް ރާއްޖޭގައި އޮތުމަށާއި މި ނިޒާމުގައި ހުރި މައްސަލަަތައް ހައްލުކުރުމަށް މި ކައުންސިލުން އަބަދުވެސް މަރުހަބާ ކިޔާނަން. އަދި އެކަމަށް ފުޅާ ދާއިރާއެއް މަޝްވަރާ ކުރަން ޖެހޭނެކަމަށް ގަބޫލު ކުރަން،" އެމްއެމްސީން ބުންޏެވެ.