ބޮލީވުޑްގެ ތަރި އިލިއާނާ ޑި ކްރޫޒްއަށް އޭނާގެ އަލަތު ދަރިފުޅު ކޯއާ ފީނިކްސް ލިބުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އޭނާ ސޯޝަލް މީޑިއާއިންނާއި އާއްމު ތަންތަނުން ފެނުން ވަނީ މަދުވެފަ އެވެ.

އެންމެ ފަހުން އިލިއާނާ މިވަނީ އޭނާގެ މިހާރުގެ ހަޔާތާ ބެހޭ ގޮތުން އިންސްޓަގްރާމް ޕޯސްޓެއްގައި ވާހަކަ ދައްކާފަ އެވެ. އެ ޕޯސްޓުގައި މަންމައަކަށް ވުމުގެ ތަޖުރިބާ އޭނާ ހިއްސާކުރި އެވެ.

އިލިއާނާ ބުނީ ދަރިފުޅު ލިބުނު ފަހުން އަމިއްލަ ނަފްސަށް ވަގުތު ހުސް ނުކުރެވޭ ކަމަށާއި ދުވަހުގެ ހުރިހާ ވަގުތެއް ހޭދަވަނީ ދަރިފުޅުގެ ކަންކަމުގައި ކަމަށެވެ.

އެ ޕޯސްޓާއެކު އިލިއާނާ ވަނީ އޭނާގެ ނޯ މޭކަޕް ލުކް ފެންނަ ފޮޓޯއެއް ވެސް ހިއްސާކޮށްފައިވެ އެވެ. އެ ފޮޓޯއިން އޭނާ ވަރުބަލިވެފައި ހުރިކަން ފާހަގަވެ އެވެ.

އިިލިއާނާ އިތުރަށް ބުނީ އޭނާ ޝަކުވާ ކުރަނީ ނޫން ކަމަށާއި އެހެން ނަމަވެސް ޕޯސްޓް ޕާޓަމް ޑިޕްރެޝަންއަކީ ހަގީގަތެއް ކަމަށެވެ. އެއާއެކު އެކަމާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރަން ޖެހިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އިލިއާނާއަކީ ބޮލީވުޑްގެ ކާމިޔާބު ބައެއް ފިލްމުތަކުން ފެނިފައިވާ ތަރިއެކެވެ. އޭގެ ތެރޭގައި ބަރްފީ، މޭ ތެރާ ހީރޯ، މުބާރަކާން ފަދަ ފިލްމުތައް ހިމެެނެ އެވެ.