ބޮލީވުޑްގެ ވެޓަރަން އެކްޓަރު ދަރުމެންދްރާއަކީ ޓްވިޓާގައި ވަރަށް ހަރަކާތްތެރި ފަންނާނެކެވެ. ދޭތެރެ ދޭތެރެއިން އޭނާގެ ޕޯސްޓުތައް އާއްމުންނަށް ގެނެސްދެ އެވެ.

އެހެން ނަމަވެސް ހުކުރު ދުވަހުގެ ފަތިހު އޭނާ ހިއްސާކުރި ފޮޓޯއަކާއެކު އާއްމުންގެ މެދުގައި އޭނާގެ ސިއްހަތާ މެދު ކަންބޮޑުވުންތައް ވަނީ އުފެދިފަ އެވެ.

ދަރުމެންދްރާ އޭނާގެ ސިއްހަތު ރަނގަޅު ކަމަށް ބުނި ނަމަވެސް އެ ފޮޓޯ ޓްވިޓާއަށް ހިއްސާ ކުރުމަށްފަހު ކުޑަ އިރުކޮޅެއްގެ ތެރޭގައި އޭނާ ވަނީ އެ ފޮޓޯ ޑިލީޓް ވެސް ކޮށްފަ އެވެ.

އެ ފޮޓޯއިން އާއްމުން ފާހަގަކުރީ ދަރްމެންދްރާގެ މޫނުމަތީގައިވާ ވަރުބަލި ކަމާއި ވަރުދެރަ ކަމެވެ. އެއާއެކު އާއްމުން އަންނަނީ ޓްވިޓާގައި އެކަން ހިއްސާ ކުރަމުންނެވެ.

80ގެ އަހަރުތަކުގައި މަޝްހޫރުވި މިހާރު އުމުރުން 88 އަހަރުގެ ދަރްމެންދްރާ ވަނީ ފިލްމު ކުުޅުން މެދުކަނޑާލުމަށްފަހު އިންޑިއާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކޮށްފަ އެވެ.