ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުންނަށް ރޯދަ އިނާޔަތުގެ އިތުރަށް ހަދިޔާއެއް ދޭނަމަ ކުންފުނީގެ ކޭޝްފުލޯއަށް އަސަރުނުކުރާ ގޮތަށް ބަލައިގެން ދިނުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފި އެވެ.

ޕީސީބީން ނެރެފައިވާ ސާކިއުލާގައި ވަނީ ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތުގެ ފައިސާ ދިނުމުގައި މި އަހަރުގެ ރޯދަ މަހުން ފެށިގެން މި ސާކިއުލާއަށް އަމަލުކުރުމަށް އަންގާފަ އެވެ.

ޕީސީބީން ބުނީ ސަރުކާރުގެ ކުންފުނިތަކާ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ވަޒީފާއާ ބެހޭ ޤާނޫނުގައިވާ ގޮތަށް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދޭން ޖެހޭނެ ކަމަށެވެ.

މުސާރަ ލިބޭ ގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ރޯދަ އިނާޔަތުގެ ފައިސާ ދޭއިރު، އެ މުވައްޒަފަކަށް އިނާޔަތް ދޭނީ ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އަދާކުރަމުން އަންނަ އޮފީހަކުން ކަމަށް ޕީސީބީން ބުނެ އެވެ.

މީގެ އިތުރުން ޕީސީބީން ބުނީ ރޯދަ މަހުގެ އިނާޔަތުގެ އިތުރުން ރޯދަ މަހާއި ގުޅުވައި އިތުރު ހަދިޔާތައް މުވައްޒަފުންނަށް ދޭނަމަ އަދި ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށްވާނަމަ ކޭޝްފުލޯއަށް ނުރަނގަޅު އަސަރު ނުކުރާ މިންވަރަށް އެކަންތައް ކުރުމަށް ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ.

ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި އެއަށްވުރެ އިތުރަށް ނުވަތަ މަދުން އިނާޔަތުގެ ފައިސާ ދީފައިވާނަމަ މާޗް މަހުގެ މުސާރަ ދޭއިރު އެބައި އެޖެންޓްކުރަން ވެސް ވަނީ އަންގާފަ އެވެ.

މީގެ އިތުރުން ރޯދަ މަސް ފެށޭއިރު އޮފީހަށް ހިދުމަތް ނުލިބޭ ގޮތަށް "ޕޭ ލީވް" އަދި "ނޯ ޕޭ ލީވް" ގައި ތިބޭ މުވައްޒަފުން އިނާޔަތް ލިބޭ މުވައްޒަފުންގެ ތެރޭގައި ނުހިމެނުމަށް ވެސް ވަނީ އަންގާފަ އެވެ.

މި ގޮތުން މިފަދަ ލީވްއެއްގައި ހުންނަ މުވައްޒަފަކު ރޯދަ މަސް ތެރޭގައި އެނބުރި ހިދުމަތަކަށް ނުކުމެއްޖެނަމަ އެ ދުވަހަކުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި އެ އަދަދަކަށް އިނާޔަތުގެ ފައިސާ ދިނުމަށް ސާކިއުލާގައިވެ އެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަސް ފިޔަވައި ދެވަނަ ދުވަހުން ފެށިގެން ރޯދަ މަހުގެ ތެރޭގައި އަލަށް ވަޒީފާދޭ މުވައްޒަފުންނަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރަން ފަށާ ދުވަހުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ޖެހޭ ވަރެއް ބަލައި އެ އަދަދަކަށް އިނާޔަތު ފައިސާ ދިނުމަށް ވެސް ވަނީ އަންގާފަ އެވެ.