މާލޭގެ އިރުމަތީ ފަރާތުގެ ބައެއް ސަރަހައްދުތަކަށް މިއަދު އުދައަރައި މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ފަށައިފި އެވެ.
އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، އުދައެރުމުގެ ސަބަބުން މަގުތަކުގައި ބޮޑުވެފައިވާ ފެން ހިންދުމުގެ އޮޕަރޭޝަނެއް މިހާރު ވަނީ ފަށާފަ އެވެ. އެ އިދާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި ވަގުތު ފެން ހިންދުމުގެ އަމަލީ މަސައްކަތް ކުރިއަށްދަނީ މާލޭގެ ކާނިވަލް ސަރަހައްދުގައި ކަމަށެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި، ދާދިފަހުން ތާރުއަޅައި ނިންމާފައިވާ ބޮޑުތަކުރުފާނު މަގުގެ ސަރަހައްދުތަކަށް ވެސް ވަނީ ވަރަށް ބޮޑަށް އުދައަރާފަ އެވެ. މީގެ ސަބަބުން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފައިވާ ގޮތުގައި، މިއަދުގެ އިރުއޮއްސި 18:00 އާ ހަމައަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެއެވެ. އަދި މި ދުވަސްވަރަކީ ސްކޫލް ބަންދު ނިމި، ގިނަ ބަޔަކު ދަތުރުފަތުރުކުރާ ދުވަސްވަރަކަށް ވާތީ، މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މޫސުން ގޯސްވާނެ ކަމަށް ބެލެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުންނާއި އައްސޭރިފަށުގެ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއް ކަމަށެވެ.
ހުޅުމާލޭގައި 14 ބުރީގެ ކޯޓު ކޮމްޕްލެކްސްއެއް އަޅަން ހަވާލުކޮށްފި
ސަރުކާރުން ހުރިހާ ޝަރުތުތައް ގަބޫލުކުރުމުން މުޒާހަރާ ނިންމާލައިފި