ބޮލީވުޑްގެ އަރަމުން އައި ތަރި ސުޝާންތު ސިންހް ރާޖްޕުތުގެ މަރުގެ ހަބަރުން ގިނަ ބަޔަކަށް ސިހުން ގެނުވި އެވެ. އެއާއެކު އޭނާގެ ނަފްސާނީ ސިއްހަތާމެދު ވެސް ސުވާލުތައް އުފެދިގެން ދިޔަ އެވެ.

ސިއްހީ ތަހުލީލުތަކުންނާއި ފުލުހުންގެ ތަހުގީގުން އެނގިގެން ދިޔައީ ސުޝާންތު ޑިޕްރެޝަންގެ ޝިކާރައަކަށް ވެފައިވާ ކަމެވެ. އެހެން ނަމަވެސް އާއްމުންގެ ތެރޭގައި އެކަން ނުދައްކާތީ ފާހަގަ ނުވީ އެވެ.

އެކަމާ ގުޅިގެން މިހާރު މިވަނީ އާ ވާހަކަތަކެއް ފެންމަތިވެފަ އެވެ. ސުޝާންތުގެ އެންމެ ފަހު ފިލްމުތަކުގެ ތެރެއިން އެއް ފިލްމު ކަމަށްވާ "ކެދަރްނާތު"ގެ ޑިރެކްޓަރު އަބީޝޭކް ކަޕޫރު މިވަނީ ސުޝާންތުއާ ބެހޭ އާ ވާހަކަތަކެއް ދައްކާފަ އެވެ.

އަބީޝޭކް ބުނީ ކެދަރްނާތުގެ ޝޫޓިން ކުރިއްަށް ދިޔަ ދުވަސްވަރު ސުޝާންތުގެ ފަރާތުން ތަފާތުކަމެއް ފާހަގަ ކުރެވުނު ކަމަށާއި އޭނާ އެހެން މީހުންނާ އެކަހެރިވި ކަމަށެވެ.

އެއާއެކު ސުޝާންތުއަކީ މަސައްކަތުގައި ވަރަށް ހިތްވަރާއި ޖޯޝާއެކު އުުޅުނު މީހެއް ކަމަށާއި ކޮންމެ ފިލްމެއްގައި ވެސް ސުޝާންތު ދެއްކި ގަދަ ހިތްވަރު ފާހަގަވާ ކަމަށް އަބީޝޭކް ބުންޏެވެ.

އަބީޝޭކްގެ މި ވާހަކަތަކަކީ ކުރިން އެނގިފައިނުވާ މައުލޫމާތެކެވެ. އެއީ ސުޝާންތުގެ އެންމެ ފަހު ދުވަސްވަރު ވެސް އޭނާގެ ފަރާތުން އެކަހަލަ ކަމެއް އާއްމުކޮށް ފާހަގަނުވާ ކަމަށް އޭނާގެ ގާތް ފަރާތްތަކުން ބުނެފައިވާތީ އެވެ.

ސުޝާންތު މަރުވެފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު އޭނާ ދިރިއުޅެމުން އައި އެޕާޓްމަންޓްގައި ހުރި ފަންކާގައި ދަންޖެހިގެންނެވެ.

އެ މައްސަލާގައި އޭނާ އޭރު ރައްޓެހިވެގެން އުޅުނު ކަމަށް ބުނެވޭ ރިއާ ޗަކްރޮބޮތީއާ ދެކޮޅަށް ގިނަ ދުވަސްތަކެއް ވަންދެން ކޯޓު މައްސަލަތަކެއް ވެސް ހިނގި އެވެ.