ކުރިއަށް އޮތް 74 ވަނަ "މިސް ޔުނިވާސް" ރީތީގެ މުބާރާތުގައި ފަލަސްތީނު ރަމްޒު ކޮށްދޭނެ ކަމަށް ފަލަސްތީނަށް ނިސްބަތްވާ ދުބާއީގެ މޮޑެލް ނަދީން އައްޔޫބު އިއުލާން ކޮށްފި އެވެ.
ނަދީންގެ އިންސްޓަގްރާމްގައި އެކަން އިއުލާން ކުރަމުން އޭނާ ބުނީ ފަލަސްތީނުގެ ޣައްޒާގައި އަނިޔާވެރިކަން ފެންނަމުންދާ މި ދަނޑިވަޅުގައި އޭނާ އެ މުބާރާތާ ކުރިމަތިލަނީ ހަގީގަތް ދުނިޔެއަށް ހާމަކޮށްދޭން ކަމަށެވެ.
"އަހަރެން އުފުލަން ގަސްދުކުރަނީ އަނިޔާވެރިކަމަށް ދޫ ދޭން ގަބޫލުނުވާ ފަލަސްތީނު ރައްޔިތުންގެ އަޑު" އެ ޕޯސްޓުގައި ނަދީން ބުނެފައިވެ އެވެ.
މިއަންނަ ނޮވެމްބަރު މަހު ތައިލެންޑުގައި ބާއްވާ މިސް ޔުނިވާސްގެ މުބާރާތުގައި ފަލަސްތީނު ބައިވެރިވާން ނިންމުމާއެކު މި މުބާރާތް ވެގެންދާނީ ފަލަސްތީނުން މިސް ޔުނިވާސްގައި ބައިވެރިވާ ފުރަތަމަ ފަހަރަށެވެ.
ފިޓްނަސް ކޯޗެއްގެ އިތުރުން ނިއުޓްރިޝަން ކޮންސަލްޓެންޓްއެއްގެ ވަޒީފާ އަދާކުރާ ނަދީން އުފަންވީ ފަލަސްތީނަށް ނަމަވެސް އޭނާ އުޅެބޮޑުވީ ދުބާއީގަ އެވެ.
އޭނާ ވަނީ 2022 ވަނަ އަހަރު ބޭއްވި "މިސް އާތު" މުބާރާތުގައި ވެސް ފަލަސްތީނު ތަމްސީލު ކޮށްދީފަ އެވެ. "މިސް ފަލަސްތީން"ގެ ޝަރަފު އޭނާއަށް ލިބުނީ ވެސް ހަމަ އެ އަހަރު އެވެ.