ދެހާސް ތިން ވަނަ އަހަރު ނުކުތް ބޮލީވުޑް ފިލްމް "ތޭރޭ ނާމް" އަކީ ސަލްމާން ޚާންގެ ފިލްމީ ހަޔާތުގައި ވެސް އޭނާ ކުޅުނު އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރެއިން އެއް ފިލްމެވެ.

ނަމަވެސް އެ ފިލްމުގެ ވާހަކައާއި އޭނާ ކުޅެންޖެހޭ ރޯލުގެ ގޮތުން ފިލްމުގެ ޝޫޓިންގެ ވަކި ހިސާބަކުން އެ ފިލްމު ދޫކޮށްލަން ވިސްނި ކަމަށް ސަލްމާން ބުނެފައިވެ އެވެ.

ތޭރޭ ނާމްގައި ދައްކުވައިދެނީ އަންހެނެއްގެ ލޯބި ހޯދަން ސަލްމާން ކުރާ މަސައްކަތެވެ. އޭގެ ތެރޭގައި އަންހެން މީހާއަށް އަނިޔާކުރުން ފަދަ ނުރަނގަޅު ކަންކަން ވެސް ހިމެނެ އެވެ.

މީގެ ކުރިން "އާޕްކީ އަދާލަތު"ގައި ވާހަކަ ދައްކަމުން ސަލްމާން ބުނީ އެ ފިލްމުގައި ކުޅެން ޖެހުނު ރޯލު ދެކެ ޚުދު އޭނާ ވެސް ބިރުގަތް ކަމަށެވެ.

އެގޮތުން ފިލްމު ނުކުތުމާއެކު އާއްމުންނަށް ފިލްމު ބަލާލަން ދިއުމަށާއި އެހެން ނަމަވެސް ފިލްމުގައި ރާދޭ (ސަލްމާންގެ ކެރެކްޓަރު) ކުރި އެއްވެސް ކަމެއް ނުކުރުމަށް ސަލްމާން އިލްތިމާސްކުރި އެވެ.

ސަލްމާންގެ އިތުރުން ބުމިކާ ޗައުދަރީ ފެނިގެންދާ ތޭރޭ ނާމްއަކީ ދެހާހުގެ އަހަރުތަކުގައި ބޮކްސް އޮފީހުގެ އެންމެ ކުރިން ޖާގަ ހޯދި ފިލުމެކެވެ. އެ ފިލްމުގެ ލަވަތަކަކީ މިއަދާ ހަމައަށް ވެސް އާއްމުންގެ މެދުގައި މަގުބޫލު ލަވަތަކެކެވެ.