އަހަރެމެންނަށް ހީކުރެވިފައި އޮންނަނީ ފްރިޖަކީ އަހަރެމެން ބޭނުން މުއްދަތަކަށް ކާއެއްޗެހި ރައްކާކޮށްފައި ބެހެއްޓޭނެ އެއްޗެއް ކަމަށެވެ. މިސާލަކަށް މަސް، ޑެއިރީ އަދި ތަފާތު ވައްތަރުގެ ތަރުކާރީގެ ބާވަތްތައް ވެސް ގިނަ ދުވަސް ވަންދެން ފްރިޖްގައި ހަލާކުނުވެ ހުރެ އެވެ.

އެހެން ނަމަވެސް ބައެއް ކަހަލަ ކާނާ އަކީ ފްރިޖްގައި ބެހެއްޓުމުން އޭގެ ތާޒާކަން ގެއްލޭ ތަކެއްޗެވެ. އަދި ބައެއް ފަހަރު ފްރިޖަށް ލުމުން އޭގެ ރަހަ އާއި ޓެކްސްޗާއަށް ވެސް ބަދަލު އާދެ އެވެ. މިފަހަރު މި ބަލާލަނީ އެގޮތުން ފްރިޖްގަައި އެއްވެސް ގޮތަކަށް ބަހައްޓައިގެން ނުވާނެ ބައެއް ކާނާގެ ބާވަތްތަކަށެވެ.

އަލުވި

އަލުވި އާންމުކޮށް ރައްކާކުރަންވާނީ ފިނި އަދި އަނދިރި ތަނެއްގަ އެވެ. އެހެން ނަމަވެސް ފްރިޖް މާ ފިންޏެވެ. މާ ފިނިގަދަ ވުމުން އަލުވީގައި ހުންނަ ސްޓާޗް ނަމަކަށް ކިޔާ މާއްދާ އެއް ބްރޭކްޑައުންވެ، މުޅި އެތީގެ ރަހަ ބަދަލުކޮށްލަ އެވެ. މީގެ އިތުރުން ސްޓާޗް ބަދަލުވާން ފަށާނީ ހަކުރަށެވެ. އޭގެ ސަބަބުން ވެސް ރަހަ ނުބައިވާ ގޮތް ދިމާވެ އެވެ.

ފިޔާ

ފިޔައަކީ އަހަރެމެން ވަރަށް ގިނައިން ފްރިޖަށް ލެވޭ އެއްޗެކެވެ. އަހަރެމެންގެ ކެއުމުގެ އާދަކާދަ ހުންނަ ގޮތުންކަމަށް ވެސް ވެދާނެ އެވެ. އެގޮތުން ގަރުދިޔަ އާއި ބަތާ ކާއިރު ވެސް ފިޔާ ކާން އެތިކޮޅެެއް ނެގުމަށް ފަހު ބާކީބައި ލެވޭ ފަހަރު އާދެ އެވެ.

ފްރިޖަށް ލުމުން ފިޔާ މާއަވަހަށް ހަލާކުވާނެ އެވެ. އަދި ހުންނާނީ މަޑުވެ ޗަސްވެފައި ހުންނަ ކަހަލަ ގޮތަކަށެވެ. ފިޔާ ރައްކާކުރަން އެންމެ ރަނގަޅީ ކޮޓަރި/ ގޭގައި އާންމުކޮށް ހުންނަ ފިނި ހޫނު މިނުގައި، އެހެން ނަމަވެސް ސީދާ އަވި ނުދޭ ގޮތަކަށެވެ.

ބޭނުންކޮށްފައި ބާކީ އޮންނަ ފިޔާކޮޅު ވެސް ފްރިޖަށްލުމުގެ ބަދަލުގައި ކޮތަޅަކަށް ލާފައި ތަރުކާރީ ބަހައްޓާތަނުގައި ބާއްވާށެވެ.

ލޮނުމެދު

ލޮނުމެދަކީ ވެސް ފްރިޖަށްލުމުން ރަހަ ފަނޑުވާ އެއްޗެކެވެ. ލޮނުމެދު ރައްކާކުރަން އެންމެ ރަނގަޅީ އާދައިގެ ފިނިހޫނު މިނެއްގައި، ތެތްކަން ނުހުންނަ ތަނެއްގައި ކޮންމެވެސް ވަރަކަށް ވެންޓިލޭޝަން ހުންނާނެ ފަދަ ގޮތަކަށެވެ. ކަރުދާސް ކޮތަޅެއްގައި ރައްކާކުރިޔަސް އެންމެ ރަނގަޅެވެ.

މެލަން

މެލަން، ކެންޓަލޫޕް އަދި ކަރާ ވެސް އެންމެ މީރު ވާނީ ފްރިޖަށް ނުލާ ހުންނައިރު އެވެ. ބައެއް ދިރާސާތަކުން ދައްކާގޮތުގައި މެލަން ފްރިޖަށް ލުމުން އޭގައި ހުންނަ އެންޓިއޮކްސިޑެންޓް ލެވެލް ދަށްވެ އެވެ. އެހެން ކަމުން ސިއްހަތަށް ވެސް އެންމެ ފައިދާހުރީ ފިނި ނުކޮށް، އާންމުކޮށް އެހުންނަ ފިނި ހޫނުމިހުގައި ބަހައްޓައިގެން ކެއުމުންނެވެ.

މާމުއި

މާމުއި ފްރިޖަށް ލުމުން އޭގައި ގަނޑު އުފެދި ރަހަ ބަދަލުވެގެންދާނެ އެވެ. މާމުއި ވެސް ރައްކާކުރަން އެންމެ ރަނގަޅީ އާފައިގެ ފިނި ހޫނުމިނުގަ އެވެ.

ފްރިޖަށް ލާ ގަނޑު އުފެދިއްޖެ ނަމަ ފުޅި ހޫނުކޮށްލުމުން ރަނގަޅުވާނެ އެވެ.

ޕާން

ޕާނަކީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ފޫޖަހާ އެއްޗެއް ކަމުން ގިނަ މީހުން ޕާން ގަންނަ ގޮތަށްވެސް ފްރިޖަށް ލާފައި ބާއްވަ އެވެ. މިހެން ބޭވުމުން ގިނަ ދުވަސް ވަންދެން ހަލާކުނުވެ އޮންނަ ކަމުގައި ވިޔަސް ޕާން މާބޮޑަށް ހިކެ އެވެ. އަދި މީގެ ސަބަބުން ރަހައަށް ބަދަލުއާދެ އެވެ.

ކޮފީ

ކޮފީ އަށް ލޯބިކުރާ މީހުންނަށް މީރު ކޮފީއަކާ ނުބައި ކޮފީއެއްގެ ފަރަގު ނިކަން ރަނގަޅަށް އެނގޭނެ އެވެ.

ކޮފީ ބީންސްތައް ފްރިޖަށްލުމުން އޭގައި އުފެދޭ ފެނުގެ ސަބަބުން ކޮފީ ނުބައިވެ އެވެ. އެހެން ކަމުން ކޮފީ ބީންތައް ރާއްކާކުރަން އެންމެ ރަނގަޅީ ވައި ނުވަންނަ ފުޅިއެއްގެ ތެރޭގަ އެވެ.