ދިވެހި ކަނޑުން ބާނާ މަސް ޗައިނާގެ ކުންފުންޏަކުން ދަޅުގައި ބަންދުކޮށް ވިޔަފާރި ފެށުމަކީ ދިވެހީންގެ ފަގީރުކަން ހާމަވާ ކަމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ކުންފުންޏަކުން ދިވެހި ރޯމަސް ދަޅުގައި ބަންދުކޮށް ބާޒާރަށް ނެރެން ތައްޔާރުވެފައިވާކަން ހާމަކޮށް އެކަމާ ބެހޭ ފޮޓޯތަކާއެކު ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ. މިނިސްޓަރު އެ ޕޯސްޓް ކުރެއްވީ އެކަމާ އުފާކުރުމުގެ ގޮތުންނެވެ.

މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުމަރު ވިދާޅުވީ މިއީ ދިވެހީން ހިތާމަކުރަންޖެހޭ ފަދަ ކަމެއް ކަމަށެވެ.

"އެހެން މީހުންނަށް ވެލިއު އެޑް ކުރުމަށްޓަކައި ރޯ މަސް އެކްސްޕޯޓް ކުރަމުން ގެންދާނަމަ، އަޅުގަނޑުމެން ދެމި ތިބެންޖެހޭނީ ނިކަމެތި ގައުމެއްގެ ގޮތުގައި،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ އިންޑޮނޭޝިޔާގައި ރޯމަސް އެކްސްޕޯޓްކުރުމަކީ މަނާ ކަމެއް ކަމަށާއި އެކަމުގެ ހެޔޮ އަސަރު އެ ގައުމުގެ އިގްތިސާދަށްކުރަމުން އަންނަ ކަމަށެވެ. އަދި މިއީ ރާއްޖެއިން މިސާލުނަގައި ފިލާވަޅު ލިބިގަންނަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.