ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ރާޖްޕުތުއަކީ ދޭތެރެ ދޭތެރެއިން ބޮލީވުޑްގެ ހަބަރުތަކުގެ ފަލަ ސުރުހީއިން ޖާގަ ހޯދާ ފިލްމީތަރިއެކެވެ. ގިނަ ފަހަރަށް އެއީ ރަނގަޅު ހަބަރަކަށް ވިޔަސް އެންމެ ފަހުން އާއްމުވި އޭނާގެ ހަބަރަކީ އެހާ ރަނގަޅު ހަބަރެއް ނޫނެވެ.

މިފަހަރު މީރާއަށް މީޑިއާގެ ސަމާލުކަން ލިބިފައިވަނީ މަގުމަތީގައި އޭނާގެ ފަހަތުން ހިނގާފައި ދިޔަ ސަލާންޖަހާ ކުއްޖަކަށް އެއްވެސް ވަރަކަށް އޭނާ އަޅާ ނުލުމުންނެވެ.

މި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ވެސް އާއްމުވެފައިވާއިރު މީރާ ކާރަށް އަރަންދެން އޭނާގެ ފަހަތުން އެކުއްޖާއަށް ސަލާން ޖަހާ މަންޒަރު ފެނެ އެވެ. މިކަމުގެ ސަބަބުން މީޑިއާގެ އިތުރުން އާއްމުންގެ ފާޑުކިޔުން ވެސް މީރާއަށް ދަނީ އަމާޒުވަމުންނެވެ.

އެގޮތުން ސަލާންޖަހާ ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ އެހީއެއް ދިނުން ރަނގަޅުވީސް ކަމަށް މީހުން ފާހަގަ ކުރަމުން ދާއިރު ފަގީރަކަށް އެހީނުވާނަމަ އޭނާއަށް ލިބިފައިވާ ތަނަވަސްކަމުގެ އަގެއް ނެތް ކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.

2015 ވަނަ އަހަރު ޝާހިދުއާ ކައިވެނިކުރި މީރާއަކީ ބޮލީވުޑްގައި މިވަގުތު އެންމެ މަޝްހޫރު "ސެލެބްރިޓީ އަނބިން"ގެ ތެރެއިން އެކެކެވެ.