މާލެ ސަރަހައްދުގައި އެއްފަހަރާ 10 މީހުންނަށް ވުރެ ގިނައިން މަގުމައްޗަށް އެއްވުން އެޗްޕީއޭ އިން މަނާކޮށްފި އެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިއަދު ނެރުއްވި އެންގުމެއްގައި ވަނީ އެ ފިޔަވަޅު އެޅީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ 34 ވަނަ މާއްދާގެ (ރ) އާއި، އެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން، ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.

އެ އެންގުމުގައި ވަނީ މާދަމާ އިން ފެށިގެން އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއާއި، ގުޅީފަޅާއި، ތިލަފުށް ޓާއި، ހުޅުލެ) ގައި އެއްފަހަރާ 10 މީހުން ނަށް ވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެއުޅުން ހުއްޓައިލުމަށް އަންގާ ކަމަށެވެ.

އެ ފިޔަވަޅު ތަންފީޒު ކުރުމުގައި ވަގުތާއި ހާލަތަށް ރިއާޔަތްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ކަމަށް އެ އެންގުމުގައިވެ އެވެ.

އެ އެންގުމާ އެއްގޮތަށް އަމަލު ކުރުމަށް އެންމެހައި އިދާރަތަކަށާއި އެންމެހައި ފަރާތްތަކަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ ވަނީ އަންގަވާފަ އެވެ.

މީގެއިތުރުން އެ އެންގުން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން ދޭ އިރުޝާދުތަކަށް ތަބާވުމަށް ވެސް މައިމޫނާ ވަނީ އަންގަވާފަ އެވެ.