މާލެ ސިޓީގެ މަގުތަކަށް ކުނި އަޅާ މީހުން ހޯދައި އެމީހުން ލައްވައި ކުނި ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ މާލެ ސިޓީގެ މަގުތަކަކީ ސާފުތާހިރު ތަނަކަށް ހެދުމަށް، މާލެ ސިޓީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށެވެ. މިމަގަށް ކުރެވޭ މަސައްކަތުގައި ފަރުދީ ޒިންމާ އަދާކޮށް ބަލިތައް ފެތުރުމުން ރައްކާތެރިވުމަށް މަގުތަކަށް ކުނި އެޅުމުން ދުރުހެލިވާން ޖެހޭ ކަމަށް އެ ޕޯސްޓުގައިވެ އެވެ.

މަގުތަކަށް ކުނިއަޅާ މީހުންނަށް ނަސޭހަތްދީ ޖޫރިމަނާ ކުރުމުގެ މަސައްކަތް ކަމާއި ގުޅުންހުރި އިދާރާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ކުނި އަޅާ މީހާ ނުވަތަ ބަޔަކު ދެނެގަނެވިފައިވާނަމަ އެމީހަކު ނުވަތަ އެބަޔަކު އެޅި ކުނި އެމީހުން ލައްވާ ނަގުވައި މަގު ސާފު ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މާލެ އާއި ވިލިމާލޭގެ މަގުތަކާއި ޕާކުތަކާއި އާންމު ތަންތަނާއި ބަނދަރުތަކާއި ވިޔަފާރި ސަރަހައްދުތަކަށް ކުނި އެޅުމަކީ މަނާކަމެކެވެ. އެ ތަންތަނަށް ކުނި އަޅައިފި ނަމަ ކައުންސިލުން ފުލުހުންނަށް މައްސަލަ ހުށަހެޅުމުން ފުލުހުންނަށް ޖޫރިމަނާ ކުރެވެ އެވެ. ޖޫރިމަނާ ކުރަނީ ކޮންމެ މީހަކު 500ރ. އިންނެވެ.

މި ދުވަސްވަރު މާލޭ ސަރަހައްދުގެ މަގުތަކަށާއި، ގޭ ދޮރު މައްޗަށާއި، ކަންކަންމައްޗަށް ކުނި ނެރެފައި ބެހެއްޓުމާއި ކުނި ޖަމާކުރަމުންދާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ހާއްސަކޮށް ރޯދަ މަހާ ދިމާކޮށް މާލޭގެ މަގުތަށް ކުނި ނެރޭ މައްސަލަ ބޮޑުވެ، މަގުތައް ސާފު ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ވަނީ ފަށާފަ އެވެ.