ސްޓާ ޕްލަސްއިން ދައްކަމުން އަންނަ މަޝްހޫރު ހިންދީ ޓީވީ ސީރިއަލް "ޔޭ ރިޝްތާ ކްޔާ ކެހްލާތާހޭ"ގެ ސެޓުގައި މައްސަލަ ބޮޑުވެ، އެ ޝޯގެ ދެ އެކްޓަރުން ވަކިކޮށްފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި ޝޯއިން ވަކި ކޮށްފައިވަނީ އަރްމާންގެ ރޯލުން ފެނިގެންދާ ޝެހްޒާދާ ދާމީއާއި ރޫހީގެ ރޯލުން ފެނިގެން ދިޔަ ޕްރަތީކްޝާ ހޮންމުކޭ އެވެ.
ބުނެވޭ ގޮތުގައި މި ދެތަރިިން ޝޯއިން ވަކި ކުރެވުނީ އެމީހުންގެ އަހުލާގު ސެޓުގައި ހުރި ގޮތުން އެހެން ތަރިންނަށް އުނދަގޫވެ ޝޯގެ ޝޫޓިންއަށް ހުރަސް އެޅޭތީ އެވެ.
ޝެހްޒާދާއާއި ޕްރަތީކްޝާ ޝޯއިން ވަކި ކުރެވުނު ފަހުން ޝޯގެ އެހެން އެކްޓަރެއް ކަމަށްވާ ޝިވަމް ހަޖޫރިއާ ވަނީ އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.
އޭނާ ބުނީ ޕްރަތީކްޝާއަކީ ރަނގަޅު އެކްޓަރެއް ކަމަށާއި އެހެން ނަމަވެސް ޝެހްޒާދާގެ ބަހަށް ހެއްލިގެން އޭނާއަށް ވެސް މަގު އޮޅުނީ ކަމަށެވެ. އެގޮތުން ޝޫޓިންއަށް ހުރަސް އެޅޭ ގޮތަށް އެތައް އިރަކު އެ ދެމީހުން ވާހަކަ ދައްކަން ތިބޭ ކަމަށް ޝިވަމް ބުންޏެވެ.
ޝެހްޒާދާއާއި ޕްރަތީކްޝާ ޝޯއިން ވަކި ކުރެވުމާއެކު އެ ތަރިން ކުޅެމުންދިޔަ ރޯލަށް އެހެން ތަރިންތަކެއް މިހާރު ހަމަޖެހިފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.
ރަޖަން ޝާހީގެ ޕްރޮޑަކްޝަން ހައުސް "ޑިރެކްޓާސް ކަޓް ޕްރޮޑަކްޝަންސް"އިން އުފައްދާ ދައްކަމުން އަންނަ "ޔޭ ރިޝްތާ ކްޔާ ކެހެލާތާހޭ"އަކީ އިންޑިއާގެ ޓީވީގައި މިވަގުތު އެންމެ ގިނަ ދުވަސް ވަންދެން ދައްކަމުން އަންނަ ޝޯ އެވެ.
2009 ވަނަ އަހަރު ފެށި އެ ސީރީޒް ދައްކާތާ 15 އަހަރު ވީއިރު ޖުމްލަ ހަތަރު ޖީލެއްގެ ވާހަކަ ސީރީޒްގެ ތެރެއިން މިހާތަނަށް ފެނިފައިވެ އެވެ.