ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 1،500 އަށް އަރާ ކަމަށާއި އޭގެ ތެރެއިން ގިނަ ބޭފުޅުން "އިށީންނަވާނެ" ގޮނޑިއެއް ނެތިގެން ތިއްބެވީ ކޮރިޑޯގައި ކިއޫގައި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި މާފަންނު އުތުރު ދާއިރާ އަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ އިފްހާމް ހުސައިންގެ ކެމްޕެއިން ޖަލްސާގައި ސޯލިހް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ސަރުކާރުން ދައްކާ ވާހަކަ އާއި އަމަލާ ދިމާ ނުވާ ކަމަށެވެ. މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ދައްކަމުން އައި ވާހަކައަކީ މަޝްރޫއުތައް ހުއްޓިފައި އޮތް ވާހަކަ އާއި ފައިސާއެއް ނެތް ވާހަކަ އާއި ރާއްޖެ ބަނގުރޫޓުވެފައި އޮތް ވާހަކަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނަމަވެސް މިދިޔަ އަހަރާ އަޅާ ބަލާއިރު، ވޭތުވެދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި ކަން ހިނގާފައި ހުރި ގޮތުން 300 މިލިއަނެއްހާ ރުފިޔާ އިތުރަށް ހަރަދުކޮށްފައިވާ ކަމަށް ވެސް ސޯލިހް ވިދާޅުވި އެވެ.
"ކޮން ކަމެއްތޯ ކުރީ؟ ބަލާލާ އިރުގައި 1،700 ޕްރޮޖެކްޓް ހުއްޓާލާފައި އޮތީ. މި ފައިސާ ހަރަދު ކުރީ ކޮން ބަޔަކަށްތޯ؟ އެ ހަރަދުކުރީ ކިހިނެއްތޯ ބަލަން ސާފުކުރަން މައުލޫމާތު ހޯދަން ރައީސް އޮފީހަށް ވެސް ސިޓީ ލައިފިން. ފިނޭންސް މިނިސްޓްރީގައި ވެސް އެދެފިން. މިއިން އެއްވެސް ތަނަކުން އެއިން މައުލޫމާތެއް ލިބޭ ގޮތެއް ނުވި،" ސޯލިހް ވިދާޅުވި އެވެ.
ސޯލިހް ވިދާޅުވި ގޮތުގައި އެނގޭހާ ވެސް ކަމަކީ "ފުނި ފުންޏަށް" ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރާ ކަމެވެ. އެގޮތުން ބައެއް މިނިސްޓްރީތަކުގައި އިށީންނާނެ ގޮނޑިއެއް ނެތް ކަމަށް ސޯލިހް ވިދާޅުވި އެވެ.
"ބައެއް މިނިސްޓްރީތަކުގައި އިށީންނާނެ ތަނެއް ނެތް. ކޮރިޑޯތަކުގައި ކިއުޖެހިފައި ތިބޭކަމަށްވޭ. ޑިއުޓީ ބަހައިގެން މޭޒު ހަވާލުކުރަމުން އެބަދޭ، ގޮނޑި ނެތިގެން. އަންދާޒާ މިހާރު ކުރެވޭ ގޮތުގައި، އެ ބޭފުޅުން މައުލޫމާތު ދެއްވީމާ އެނގޭނީ، 1،500އަށް ވުރެ ގިނަ ސިޔާސީ މަގާމު މިހާރު ވަނީ އުފައްދާފައި. އެހެން ނޫން ނަމަ، 100، 150 މިިލިއަން ރުފިޔާ ބަޖެޓަކުން ރިކަރަންޓު ހަރަދަކަށް، މުސާރައަކަށް ހޭދަކުރާކަށް ނުޖެހޭނެ،" ސޯލިހް ވިދާޅުވި އެވެ.
ސޯލިހް ވިދާޅުވި ގޮތުގައި މި ސަރުކާރު ވަނީ މިސްރާބުން ކައްސާލައިފަ އެވެ. އެހެންވެ، މި ސަރުކާރު ހަމަ މަގަށް އަޅުވަން ޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
އެކަަން ކުރެވޭނީ މަޖިލިހުގެ މެޖޯރިޓީ އެމްޑީޕީ އަށް ލިބިގެން ކަމުގައި ސޯލިހް ވިދާޅުވި އެވެ.