ހުޅުމާލޭގައި ސަރުކާރުން ފަށާ ފުރަތަމަ ހައުސިން މަޝްރޫއުގެ ދަށުން 400 ހައުސިން ޔުނިޓްގެ މަޝްރޫއެއް ފަށަން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީން ވަނީ މި މަޝްރޫއު މެނޭޖްމަންޓް ކޮންސަލްޓެންޓެއް ހޯދުމަށް އިއުލާންކޮށްފަ އެވެ.

އެ މިނިސްޓްރީން ބުނީ މި މަޝްރޫޢުއަކީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީގެދަށުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ. އަދި ފިނޭންސް މިނިސްޓްރީ އާއި ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓްއާއި ދެމެދު މި މަޝްރޫއުގެ ފައިނޭންސް އެގްރިމަންޓްގައި މިހާރު ސޮއިކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. ނަމަވެސް އެހީ ކިހާ އަދަދެއް ކަމަށް ނުބުނެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ފަސް އަހަރުގެ މި ދައުރު ނިމޭއިރު ރާއްޖޭގައި އަމިއްލަ ބޯހިޔާވަހިކަމެއް ނެތް އެއްވެސް މީހަކު ނުހުންނާނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 65،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓް ތަރައްގީކުރާނެ ކަމަށް ބުނެފައިވެ އެވެ.

މި ސަރުކާރުން ބޯހިޔާވަހިކަން ހޯދައިދޭން ފެށި އެންމެ ބޮޑު މަޝްރޫއުއަކީ ކ. ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރުމެވެ. "ރަސްމާލެ" ނަމުގައި ފެށި މި މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ހިއްކަން މިދިޔަ ޑިސެމްބަރު މަހު ފެށި ނަމަވެސް އެ މަޝްރޫއު މިހާރު ވަނީ ހުއްޓިފަ އެވެ.

ސަރުކާރުން ބުނެފައި ވަނީ އެތަނުން 11،000 ގޯއްޗާއި، 26،000 އަށް ވުރެ ގިނަ ފްލެޓް ދޫކުރާނެ ކަމަށެވެ.