އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތްތައް ރޮކެޓް ސްޕީޑުގައި ދިޔައީ ވަސީލަތް ގިނަވެގެންތޯ ސުވާލު އުފައްދަވައި ޖުޑިޝަރީއަށް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާޑު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލު ވަނީ ރައީސް ޔާމީނުގެ މައްޗަށް ހުކުމް ޖަހަންވުމުން ވ. އާރަށުގެ ޝަރީއަތް ރޮކެޓް ސްޕީޑްގައި ކުރިއަށް ގެންދެވުނީ ވަސީލަތް ގިނަވެގެންތޯ އަދި ހަމަ އެމައްސަލައިގެ އިސްތިއުނާފު މިއަދު ފިނިހަކި ސްޕީޑްގައި އަޅުވަނީ ވެސް ވަސީލަތް މަދުވެގެންތޯ ސުވާލު އުފައްދަވައިފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ އަޑު އެހުން ބޭއްވުމަށްފަހު ޑިސެމްބަރު 2022ގަ އެވެ. އެ ހުކުމް އިސްތިއުނާފު ކުރުމުން އަޑުއެހުންތައް ނިމި ހުކުމް ނުކޮށް މިހާރު ތިން މަހަށް ވުރެ ގިނަ ދުވަސްވަނީ ފާއިތުވެފަ އެވެ.

ޑރ. ޖަމީލް ވިދާޅުވީ ޖުޑިޝަރީއަކީ މައުސޫމް، ވަކި ފަރާތަކަށް ނުޖެހޭ އަދި ނުފޫޒުން މިނިވަން ބައެއްކަމަށް ދައްކަން އުޅުމަކީ ބިންމަތީގައި ތިބެގެން ހަނދަށް ކުޅުޖަހަން އުޅުން ކަހަލަ ކަމެއް ކަމަށެވެ.

ޖުޑިޝަރީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވުމަށްފަހު ޑރ. ޖަމީލް ވަނީ ނުކުރަންވީ ސިޔާސީވުމާއި، ވެރިންގެ ރުހުން ހޯދަން އުޅުން ކަމަށެވެ. އަދި ކުނިވެ ފުޅައަޅާފައިވާ މަސްގަނޑެއް ފަދައިން މުޅި މާހައުލު ތަޢައްޔަރުކުރާ ސިޔާސީ ހަތިޔާރަކަށް ނުވުމަށް ޑރ. ޖަމީލް ގޮވާލެއްވި އެވެ.

ޑރ. ޖަމީލްގެ ފާޑުކިޔުން ޖުޑިޝަރީއަށް އަމާޒުވެފައި މިވަނީ ކޯޓުތަކަށް ބޭނުންވާ ވަސީލަތްތައް ނުލިބޭނަމަ ޝަރީއަތްތައް އަވަސް ވާނެ ކަމަށް އުއްމީދު ނުކުރެއްވުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ހުސްނުއް ސުއޫދު ވިދާޅުވެފައިވާތީ އެވެ.

ޑިމޮކްރެޓިކް އުސޫލުތަކަށް ކުރިން ވަރަށް ބޮޑަށް ވަކާލާތުކުރެއްވި ފަނޑިޔާރު ސުއޫދު މިހެން ވިދާޅުވީ 72 ކިލޯ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތި ޓްރެފިކްކުރަން އުޅުނު މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ތުހުމަތުކުރާ އިރުފާން ތަގިއްޔު ބަންދު ނުކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރުގެ އިސްތިއުނާފީ އަޑުއެހުމުގަ އެވެ.

ސުއޫދު ވިދާޅުވީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު އޮތްގޮތުން ގިނަ އަދަދެއްގެ މީހުން ބަންދުގައި ތިބެންޖެހޭ މައްސަލަތައް ހައްލު ކުރެވޭނެ ހަމައެކަނި ގޮތަކީ ޝަރީއަތުގެ މަރުހަލާ އަވަސްކުރުން ކަމަށެވެ. އަދި ޝަރީއަތުގެ މަރުހަލާ އަވަސް ކުރެވެން އޮތީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ޝަރީއަތް ކުރާނެ، އެކަން ކުރުމަށް އެކަށޭނެ މިންވަރަކަށް އިމާރާތާއި މުވައްޒަފުން ވީހައި އަވަހަކަށް ޝަރުއީ ދާއިރާއަށް ހޯދައިދިނުމުން ކަމަށް އޭނާ ވިދާޅުވި އެވެ.