ހދ. ވައިކަރަދުއަށް އާ ޖަނަރޭޓަރެއް ގެންގޮސް ކަރަންޓު ދޭން މިއަދު ފަށައިފި އެވެ.

ވައިކަރަދޫގައި 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް ނުލިބޭތާ ހަފްތާއެއްހާ ދުވަސްވެފައިވެ އެވެ. މިދިޔަ ދުވަސްތަކުގައި ވައިކަރަދޫން ކަރަންޓު ކަނޑަމުން ދިއުމުގެ ސަބަބުން އެކަމުގެ އުނދަގޫ އެ ރަށުގެ ރައްޔިތުންނަށް އިންތިހާ އަށް ކުރި އެވެ.

ފެނަކަ އިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ވައިކަރަދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ގެންދިޔަ 250 ކިލޯވޮޓްގެ ޖަނަރޭޓަރުން ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ.

މިދިޔަ ހޯމަ ދުވަހުގެ ރެއިން ފެށިގެން ކަރަންޓު ކެނޑެން ފެށި ގޮތަށް އެ މައްސަލަ ހައްލު ނުވެ ދިގުލައިގެން ދިއުމުން ބަޔަކު ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.

ވައިކަރަދޫން މީގެ ކުރިން ވާހަކަ ދެއްކި މީހަކު ބުނީ ކަރަންޓު ދެމުން އަންނަނީ އަވަށްތަކަށް ބަހާލައިގެން ކޮންމެ ތިން ގަޑިއިރަކުން ތިން ގަޑިއިރަކުން ކަމަށެވެ. އެހެންވެ، ރޯދަ މަހުގެ އެންމެ އަވި ބާރު ގަދަ ގަޑީގައި އާއި ރޯދަ މަހުގެ ރޭގަނޑު ގަޑީގައި ކަރަންޓު ކަނޑާތީ އެކަމުގެ ސަބަބުން އުނދަގޫވާ ކަމަށް އެ ރަށު މީހުން ބުނެފައިވެ އެވެ.