އަންނަ މަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި މެދުހެންވޭރު ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ ހަސަން ޝިޔާމް (ވީބީ ހަސަން) ގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ އޭނާގެ ކެންޑިޑެސީ ބާތިލް ކުރަން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ މެދުހެންވޭރު ދާއިރާގެ މިހާރު މެމްބަރު އަލީ އާޒިމްގެ ކޮއްކޮ ހ. ކްއީން، އިލްޔާސް އަހުމަދެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެ، މިއަދު ވަނީ ފުރަތަމަ އަޑު އެހުން ބާއްވައިފަ އެވެ.

މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް, ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު, ފަނޑިޔާރު ހުސްނުއް ސުއޫދެވެ.

އާޒިމްގެ ކޮއްކޮ އެ މައްސަލަ ކޯޓަށް ހުށަހެޅީ ހަސަންގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައި އޮތް އިސްތިއުނާފު މައްސަލައެއްގައި މިދިޔަ މަހުގެ 13 ވަނަ ދުވަހު ކޯޓުން ހުކުމް ކުރުމާ އެކު، ހަސަންގެ ސާބިތު ދަރަންޏެއް އޮތްކަން ކަށަވަރުވި ކަމަށް ބުނެ އެވެ.

ގާނޫނުއަސާސީގައިވާ ގޮތުން އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައި ނުވުމަކީ މަޖިލިހުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ޝަރުތެކެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ކްރިސްޓަލް ލެގޫން ރިސޯޓަށް 2006 ވަނަ އަހަރު ދޫކުރި 10 މިލިއަން ޑޮލަރާއި 2008 ވަނަ އަހަރު ދޫކުރި 64 މިލިއަން ރުފިޔާގެ ލޯނުގެ މުއްދަތު ހަމަވިއިރު އެ ލޯނު ދައްކާފައިނުވާއިރު، އެ ލޯނަށް ގެރެންޓީ ދިން 11 ފަރާތުގެ ތެރޭގައި ހަސަން ހިމެނެ އެވެ. އެ ދެ ލޯނަށް ޔަގީންކަން ދިން ފަރާތްތަކުން އެ އަށް ޒިންމާވާން ޖެހޭނެ ކަމަށް ކަނޑައަޅައިދޭން ސިވިލް ކޯޓަށް އެސްބީއައި އިން ހުށަހެޅި ދައުވާގައި އެ ކޯޓުން ހުކުމް ކޮށްފައި އޮތީ 8 މަސް ދުވަސް ތެރޭ ލޯނުގެ ފައިސާ އާއި އިންޓްރެެސްޓާއި ޖޫރިމަނާއާ އެކު ދައްކައި ހަލާސް ކުރުމަށެވެ.

މި ހުކުމްއާ އެއްްގޮތަށް މުއްދަތުގައި ފައިސާ ދައްކާފައި ނުވާތީ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއް ވެސް އެސްބީއައި އިން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.

އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެސް ޝިޔާމްގެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އެއީ ވެސް ސާބިތު ދަރަންޏެއް އޮވެ އެ ދަރަނި ނުދައްކާ ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ. ހަސަންގެ ކެންޑިޑެންސީ ކޮމިޝަނުން ބަލައިނުގަތުމުން ސުޕްރީމް ކޯޓުން ހުކުމް ކުރީ ހަސަންގެ ފޯމު ކޮމިޝަނުން ބަލައިގަންނަން ޖެހޭ ކަމަށެވެ.