އިނގިރޭސިވިލާތުގެ ރަސްމީ ބޯހިމެނުންތަކުގައި ދީން ބަދަލުކުރުމާ ބެހޭ މައުލޫމާތު ނުހިމެނި ކަމަށް ވިޔަސް އިތުބާރު ހުރި ދިރާސާތަކުން ދައްކާ ގޮތުގައި އެ ގައުމުގައި އިސްލާމް ދީނަށް ވަންނަ މީހުންގެ އަދަދު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެހެން ދީންތަކުން އިސްލާމް ދީނަށް ވަންނަ މީހުންގެ ނިސްބަތް އަހަރަކު 100،000 އަށް ވުރެ މައްޗަށް އަރަ އެވެ. އޭގެ ތެރޭގައި އެކި ގޮތްގޮތުން މަޝްހޫރު މީހުން ވެސް ހިމެނެ އެވެ. އެފަދަ މަޝްހޫރު މީހުންގެ ތެރެއިން ދާދި ފަހުން އިސްލާމް ދީން ގަބޫލުކުރި އެކަކީ އެގައުމުގެ ޖިޕްސީ ބިލިއަނަރުގެ ގޮތުގައި މަޝްހޫރުވެފައިވާ އެލްފީ ބެސްޓްގެ ދަރިފުޅު އެލީފް ބެސްޓް ޖޫނިއާ އެވެ. އެލްފީ ބެސްޓް ޖޫނިއަރަކީ މިލިއަނަރެކެވެ.
އެލްފީ އިސްލާމް ދީން ޚިޔާރު ކުރި ކަމަށް ވަނީ އާދަޔާ ޚިލާފު ތަޖުރިބާތަކެއް ކުރެވިގެންނެވެ. އެއީ ފަހަރެއްގައި ވެސް ދުރާލައި ރޭވިގެން، ނުވަތަ އެކަމަށް ތައްޔާރުވެގެން ހިނގި ކަމެއް ވެސް ނޫނެވެ. އެ ހާދިސާ ހިނގީ އެލްފީ ރަހުމަތްތެރިންތަކަކާ އެކު އޭނާގެ ބައްޕަގެ 4.5 މިލިއަން ޕައުންޑުގެ ހެލިކޮޕްޓަރުގައި މެންދުރު ކެއުމަށް އިނގިރޭސިވިލާތުގެ ކޯންވޯލަށް ކުރި ދަތުރެއްގަ އެވެ.
އެލްފީ ގަބޫލް ކުރާގޮތުގައި އޭނާއަކީ ވަރަށް ޔުނީކް މީހެކެވެ. ސަބަބަކީ ޖިޕްސީންގެ ތެރެއިން އެންމެ ފުރަތަމަ އިސްލާމްދީނަށް ވަން މީހަކީ އޭނާ ކަމަށް ވުމެވެ. ރުމޭނިޔާއަށް ނިސްބަތްވާ ޖިޕްސީންނަކީ ދިރިއުޅުމުގައި އެއްތަނުން އަނެއްތަނަށް ދަތުރުކޮށް، ވަކި ވަޒަނެއްގައި މަޑު ނުކޮށް އުޅޭ ބައެކެވެ. އެ ސަބަބާ ހުރެ ޖިޕްސީންނަކީ އަބަދުވެސް މުޖުތަމައުގެ އެހެން ފަރުދުންގެ ފަރާތުން ދިމާކުރުމާއި ޖެއްސުންކުރުން ފަދަ ކަންތައް ކުރިމަތިވާ ބައެކެވެ.
އެލީފް ބުނި ގޮތުގައި އޭނާގެ ހަޔާތުގެ ހުރިހާ ހަރުފަތަކީ ވެސް ޗެލެންޖުން ފުރިގެންވާ ދަތުރެކެވެ. ސްކޫލުގައި އުޅުނު ދުވަސްވަރާއި މަސައްކަތުގެ މައިދާނުގައި ވެސް ކަންތައް ދިމާވަމުން އައީ އެހެނެވެ. ނަމަވެސް އެހުރިހާ ގޮންޖެހުންތަކަކާ ވެސް ކުރިމަތިލުމުގެ ހިތްވަރު ހުރުމުގެ ނަތީޖާއަކީ އެލްފީއަކީ އޭނާގެ ބައްޕަ ފަދައިން ވަރަށް ޒުވާން އުމުރުގައި މިލިއަނަރަކަށް ވުމެވެ.
އުމުރުން 25 އަހަރުގައި އެލްފީ އިސްލާމް ވިއިރު އޭނާގެ މުއްސަނދިކަން 10 މިލިއަން ޕައުންޑަށް އަރަ އެވެ. އަމިއްލަ މުއްސަނދިކަމާއި ބިލިއަނަރު ބައްޕައެއްގެ ދަރިއަކަށް ވުމުން އެލްފީ ބޭނުން ކޮންމެ ކަމެއް ކުރެވެން އޮވެ އެވެ. މިހުރިހާ ކަމަކާ އެކު ވެސް އޭނާގެ ހަޔާތް ބަދަލުކޮށްލި ކޯންވޯލް ދަތުރުގެ ކުރިން އެލްފީއަށް ހަޔާތުގައި ކޮންމެ ވެސް ކަމެއް އުނިވާކަމުގެ އިހުސާސް އައީ ކުރެވެމުންނެވެ.
ކޯންވޯލަށް އެކުވެރިންނާ އެކު ކުރި ދަތުގައި ވަކިހިސާބަކުން ދަތުރުގެ އެއްބައިވެރިޔަކަށް އަވަހަށް ދާން ޖެހުނެވެ. ސަބަބެއް ކަމަށް ވީ އޭނާގެ މަންމަ ޝަހާދަތް ކިޔުމުގެ (ރަސްމީ ކޮށް އިސްލާމްދީން ގަބޫލު ކުރުމުގެ) ރަސްމިއްޔާތަށް ދާން ޖެހުމެވެ. އޭރު އެލްފީއަކަށް ޝަހާދަތް ކިއުޔުމުގެ ރަސްމިއްޔާތަކީ ކޮބައިކަން ވެސް ނޭނގެ އެވެ. އެ ރަސްމިއްޔާތު އޮތީ ސައުތު ލަންޑަނުގެ މިސްކިތެއްގަ އެވެ.
ސައުތު ލަންޑަނަށް ގޮސް އެކުވެރިޔާގެ މަންމަ އިސްލާމް ދީނަށް ވަނުމުގެ ރަސްމިއްޔާތު އޮތް މިސްކިތާ ހަމަޔަށް ގޮސްފައި އެލްފީއާ އޭނާގެ އެކުވެރިން ނިންމައިގެން ތިބީ ކާއެއްޗެއް ގަނެގެން ކާރަށް ދާށެވެ. އެކުވެރިޔާ ނިމެންދެން މަޑުކުރާށެވެ. އެހެންނަމަވެސް އެލްފީގެ ހިތަށް ކުއަލިއަކަށް ވަނީ މިސްކިތަށް ވަނުމަށެވެ. އެވަގުތު އޭނާގެ މުޅި ހަށިގަނޑު ފިނިވި ކަމަށްވެ އެވެ. ނޭނގޭ ފަދަ އިހުސާސެއްވެ މުޅި މީހާ ތުރުތުރު އަޅާހެން ހީވި އެވެ.
އެލްފީ އޭނާގެ ފައިވާން ބާލައިފައި މިސްކިތަށް ވަނެވެ. ރަހުމަތްތެރިޔާގެ މަންމަ އިސްލާމް ދީން ގަބޫލުކޮށް ޝަހާދަތްކީ މަންޒަރު ބަލަން ހުއްޓެވެ. އެވަގުތު އޭނާގެ ރަހުމަތްތެރިޔާގެ ލޮލުން ކަރުނަ އޮހިގެން ދިޔަ އެވެ. އެއީ އެލްފީގެ ހިތަށް އާދަޔާ ޚިލާފު އަސަރެއް ކުރުވި ވަގުތު ކޮޅެކެވެ. އެ ވަގުތު އޭނާގެ ކުރިމަތީން ތަމްސީލުވަމުން ދިޔަ ކަންތަކުން ހިތަށް ކުރި ފަދަ އަސަރެއް ދުވަހަކު ވެސް އެއްވެސް ދީނީ ބިނާއަކުން ކޮށްފައި ނުވާ ކަމަށް އެލީފް ބުންޏެވެ.
ޖިޕްސީއަކަށް ވުމާއެކު އެލީފް ވަނީ ތަފާތު އެތަކެއް ފައްޅިތަކަކަށް ގޮސްފަ އެވެ. އޭނާއަކީ ކަލަކު ވޮޑިގެންވާކަން ގަބޫލުކުރާ މީހެކެވެ. އެހެންކަމުން ލޮލަށް ފެނުނު މަންޒަރުން ހިތަށް ވެރިވެގެން ދިޔަ ޝުއޫރުގެ ސަބަބުން އެލީފަށް އިހުސާސް ކުރެވުނީ އޭނާގެ ހަޔާތުގައި މަދުވެގެން އުޅޭކަމަކީ ކުރިމަތިން މިފެންނަ ކަންތައްކަމެވެ. އެލީފް ބޭނުންވީ ވަގުތުން އިސްލާމް ދީނަށް ވަދެ މުސްލިމަކަށްވާށެވެ.
މިއަދު އެލީފް ޖިމްގައި ހޭދަ ކުރާ ވަރަށް ވުރެ ގިނަ ވަގުތު ހޭދަ ކުރަނީ މިސްކިތުގަ އެވެ. ބަރާބަރަށް ފަސް ނަމާދު އަދާކުރެ އެވެ. ރަލާއި އޫރު މަސް ދޫކޮށްލައިފި އެވެ. އެލްފީއަކީ ފުރިހަމަ މާނައިގައި މުސްލިމެކެވެ.
އެލްފީގެ ބައްޕަ އެލްފީ ބެސްޓް ސީނިއާ، ޓީވީއަށް ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި އޭނާގެ ދަރިފުޅު އިސްލާމްވުމަކީ އޭނާ އަށް އެއްވެސް މައްސަލައެއް ނޫނެވެ. އޭނާ ދެކޭގޮތުގައި އިސްލާމްވުމުގެ ސަބަބުން އޭނާގެ ދަރިފުޅުގެ ދިރިއުޅުން އިތުރަށް ފުރިހަމަވެ، އުޖާލާ ވެއްޖެ އެވެ.
އެލްފީއަކީ އިނގިރޭސި ވިލާތުގައި އިސްލާމް ދީނަށް ވަންނަ މަޝްހޫރު މީސްމީހުންގެ ސިލްސިލާއަށް އިތުރުވި ބޮޅެކެވެ. އެ ހާރު އަންނަނީ ގެތެމުން ދިގުވަމުންނެވެ.