އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ ފައިނަލް ލިސްޓުގައި ހޮނިހިރު ދުވަހު ސޮއި ކުރަން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އެ ކޮމިޝަނުން ކުރި އިއުލާނެއްގައި ވިދާޅުވީ ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު ކެނޑިޑޭޓުންނަށް ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުންނަށް ވެސް ސޮއި ކުރެވޭނެ ކަމަށެވެ. އަދި އެ ފުރުސަތު ހުޅުވާލަން ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10:30 އިން އާދީއްތަ ދުވަހުގެ ރޭ 12:00އާ ހަމައަށް ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

ވޯޓާސް ލިސްޓުގައި ސޮއިކުރުން ކުރިއަށް ދާނީ އިލެކްޝަންސް ކޮމިޝަނުން ދަރުބާރު ގޭގައި ގާއިމުކޮށްފައިވާ އިންތިޚާބާ ބެހޭ މަރުކަޒުގަ އެވެ. އަދި ކެންޑިޑޭޓުންގެ ބަދަލުގައި ސޮއިކުރުމަށް ކަނޑައަޅާ ފަރާތްތަކުން ކެންޑިޑޭޓުގެ ސިޓީއަކާއި އައިޑީކާޑު ކޮޕީއެއް އަދި އައިޑީކާޑުގެ އަސްލު ގެންދަން ޖެހޭނެ ކަމަށް އީސީން ބުނެ އެވެ.

ފައިނަލް ވޯޓާސް ލިސްޓުގައިވާ ގޮތުން އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޖުމްލަ 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. މީގެ ތެރޭގައި 139،361 އަންހެނުންނާއި 145،302 ފިރިހެނުން ހިމެނެ އެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބު ކުުރުމަށް އަންނަ މަހު ބާއްވާ އިންތިޚާބުގައި 93 ދާއިރާއަކަށް 369 ކެންޑިޑޭޓުން ވާދަކުރެ އެވެ.