އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް އެ ކޮމިޝަންގެ މިހާރުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

އީސީގެ މެމްބަރު ކަން ހުސްވީ އެ ކޮމިޝަންގައި ހުންނެވި ނައިބު ރައީސް އިސްމާއިލް ހަބީބުގެ ފަސް އަހަރުގެ ދައުރު މިދިޔަ މާޗް މަހު 13 އަށް ހަމަވުމާ ގުޅިގެންނެވެ. އެ މަގާމަށް ހަސަން ޒަކަރިއްޔާ އައްޔަން ކުރައްވަން ނިންމަވައި އޭނާގެ ނަން ރައްޔިތުންގެ މަޖިލިހަށް ފޮނުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މަޖިލީހުގެ ޖަލްސާގައި މިނިވަން މުއައްސަސާތަކާ ބޭހޭ ކޮމިޓީން މި މައްސަލަ ދިރާސާކޮށް، އެ ކޮމިޓީންވެސް ނިންމާފައި އޮތީ ހަސަން އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށެވެ.

ކޮމިޓީގެ ނިންމުމާ އެއްގޮތަށް ހަސަން އެ މަގާމަށް އައްޔަން ކުރުމަށް ފާސްވީ، 39 މެމްބަރުންގެ ވޯޓުންނެވެ.

އީސީގެ އެސްޖީގެ މަގާމަށް ހަސަން ހަމަޖެއްސީ 18 ޖޫން 2021ގަ އެވެ. އޭނާއަކީ މިހާރު އެ ކޮމިޝަންގެ ތަރުޖަމާނެވެ.