މި ސަރުކާރުން ވެރިކަމާ ހަވާލުވެެ ރަށްރަށުގައި ހިންގަމުން އައި ތަރައްގީގެ މަޝްރޫއުތައް ހުއްޓާލާފައިވާ ދެކެވޭ ވާހަކަތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮގުކުރައްވައިފި އެވެ.

ހިޔާ ފްލެޓުތައް ސަރަހައްދުގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މަޝްރޫއުތައް ހުއްޓާލީ މިދިޔަ ސަރުކާރުން ކަމަށެވެ. އަދި މިހާރު ސަރުކާރުން 527 މަޝްރޫއެއް ހިންގަމުންދާ ކަމަށާއި އޭގެތެރޭގައި އާ މަޝްރޫއުތައް ވެސް ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމްޑީޕީ ސަރުކާރުން ފެށި ގިނަ މަޝްރޫއުތައް ހުއްޓާލާފައި އޮތީ ކޮންޓްރެކްޓަރުންނަށް ފައިސާ ނުދީގެން ކަމަށެވެ. އަދި ޕްރޮޖެކްޓުތައް މިސްމެނޭޖް ކުރުމަކީ ވެސް އެ ސަރުކާރުން ކުރި ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ނުވަ ހާސް މިލިއަން ރުފިޔާގެ ފައިސާ، ކުޑަ އަދަދެއް ނޫން، އެކިއެކި ކުންފުނިތަކަށް ދޭން ހުރި މިދިޔަ ސަރުކާރު ނިމުނުއިރުގައި،" އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ފެނާއި ނަރުދަމާގެ 27 މަޝްރޫއެއް ހުއްޓިފައިވާއިރު، މިހާރު 74 މަޝްރޫއު އެބަ ހިނގާ ކަމަށެވެ. ބަނދަރު ހެދުމާއި ބިން ހިއްކުމާއި ތޮށިލުމަށް ބަލާއިރު، އެފަދަ މަޝްރޫއުތައް 30 ރަށެއްގައި ހުއްޓިފައި އޮތަސް މިހާރު 90 މަޝްރޫއު އެބަ ހިނގާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވެރިކަމަށް ވަޑައިގަތްއިރު، ހަތް އެއާޕޯޓެއްގެ މަޝްރޫއު ވަނީ ހުއްޓިފައި ކަމަށާއި އެ ހުރިހާ މަޝްރޫއެއް ވެސް މިހާރު ފެށިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ސަތާރަ ރަށެއްގައި މަގު ހެދުމުގެ މަޝްރޫއު ހުއްޓިފައި ވިޔަސް މިހާރު 24 ރަށެއްގައި މަޝްރޫއު އެބަ ހިނގާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ދަނޑުތަކާއި ކޯޓުތައް ހެދުމުގެ 84 މަޝްރޫއު ހުއްޓިފައި އޮތަސް އޭގެ ތެރެއިން 71 މަޝްރޫއު ފެށިފައިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިސްކިތް ބިނާ ކުރުމުގެ 20 މަޝްރޫއެއް ހުއްޓިފައި އޮތަސް އެފަދަ 42 މަޝްރޫއު މިހާރު އެބަ ހިނގާ ކަމަށެވެ.

މީގެއިތުރުން ތައުލީމީ ދާއިރާގެ 90 މަޝްރޫއު ހުއްޓިފައި އޮތަސް 217 މަޝްރޫއު މިހާރު ހިނގަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.