ރަމަޟާން މަހު ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާ ކުރަން ނިންމި ހަނޑޫ އަދި ފުށް ނުގެންދެވުނު މީހުންނަށް އެތަކެތި އެސްޓީއޯ ކާޑު ގުދަނުން ލިބޭނެ ގޮތް ހަމަޖައްސައިފި އެވެ.

އެސްޓީއޯ އިން މިއަދު ބުނީ ރޯދަމަހަށް ހާއްސަކޮށްގެން ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް ހަދިޔާކުރާ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް (މާލެ ސަރަހައްދުން) ނުގެންދެވި ހުރި ފަރާތްތަކަށް މާދަމާއިން ފެށިގެން ރޯދަ މަހުގެ ފަހު ދުވަހާ ހަމައަށް އެސްޓީއޯގެ ކާޑު ގުދަނުން ލިބޭނެ ކަމަށެވެ.

އެކަމަކު، ހުކުރު ދުވަހު މުދާ ބެހުމުގެ މަސައްކަތް ކުރިއަށް ނުދާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ހަދިޔާ ދޫކުރަން ހަމަޖެހިފައިވަނީ ކުރިން ފަހަރެކޭ އެއްގޮތަށް ދިވެހިންނަށް އެކަނި އެވެ. މިގޮތުން ދޫކުރާނީ ޑޮމެސްޓިކް ކަރަންޓް މީޓަރުގެ ނަންބަރއަށް ބެލުމަށްފަހު ބަލާ އަންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑް ނަންބަރު ނޯޓުކުރުމަށްފަހު އެވެ.

މުދާ ދޫކުރަން ނިންމާފައިވާ ގަޑިއަކީ ހެނދުނު 10:00 އިން މެންދުރު 1:00 އަށެވެ.