25 ޖުލައި 2025 ގައި ރިލީޒްކުރި "ދަ ފެންޓާސްޓިކް ފޯ: ފަސްޓް ސްޓެޕްސް"ގައި ބަނޑު ބޮޑުކަމަށް ދައްކަން ބޭނުންކުރި ބޭބީ ބަމްޕް އަސްލު ބަމްޕަށް ވުރެ މާ ބަރު ކަމަށް ފިލްމުގައި ސޫ ސްޓޯމްގެ ރޯލް އަދާކުރި އެކްޓްރެސް ވަނެއްސާ ކިރުބީ ބުނެފި އެވެ.

މި ސްޕަހީރޯ ފިލްމާ ގުޅޭ ގޮތުން ވާހަކަދައްކަމުން ވަނެއްސާ ބުނީ ފިލްމުގައި އޭނާ ބަލިވެއިންކަން ދެއްކުމަށް ފުރަތަމަ ބޭނުންކުރި ބޭބީ ބަމްޕު މާ ލުއިވުމުން ދެ ފަހަރު މަތިން ބަރު ކުރަން އެދުނު ކަމަށާއި އެންމެފަހުން މާ ބަރުކަމުން އުނަގަނޑުގައި ވެސް ރިއްސި ކަމަށެވެ.

މިހާރު އަސްލު ދިރިއުޅުމުގައި ވެސް ބަނޑުބޮޑު ވަނެއްސާ ބުނީ މިހާރުގެ ބޭބީ ބަމްޕަށް ވުރެ ފޭކް ބަމްޕު ބަރު ކަމަށެވެ. ފޭކް ބަމްޕް ލުއިވެގެން އެންމެ ފަހުން ބަރުކުރަން ހަނޑޫ ޕެކެޓްތަކެއް ބޭނުން ކުރިކަމަށް އޭނާ ވަނީ ކިޔާދީފަ އެވެ.

ދަ ކްރައުންގެ ތަރި ބުނީ އެންމެ ފަހުން މާ ބޮޑަށް ބަރުވެގެން ބައެއް ހަނޑޫ ޕެކެޓް ނަގަންވެސް ބުނި ކަމަށެވެ.

ފެންޓާސްޓިކް ފޯ: ފަސްޓް ސްޓެޕްސް އިއްޔެ ރިލީޒްކުރި އިރު، ވަނެއްސާގެ އިތުރުން މި ފިމްމުގައި ޕެޑްރޯ ޕަސްކަލް، އިބޮން މޮސް، ޖޯސެފް ކުއިން، ރަލްފް އިނެސަން އަދި ޖޫލިއާ ގާނާ ފެނިގެންދެ އެވެ.