ވެރިކަންކުރާ ޕީއެންސީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާއަށް ވާދަކުރައްވާ މުހައްމަދު އަފްތާބް (އާޕް)އަށް ތާއީދު ނުކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

އިތުބާރުހުރި މަސްދަރަކުން "ހުރިހާ"އަށް ކަށަވަރުވެފައިވާގޮތުގައި އެ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ އާމިނަތު މިޔާދާ (އާނަ) އަށް ތާއީދު ކުރައްވަން ރައީސް ވަނީ ނިންމަވާފަ އެވެ. އާނަ އަކީ ޕްރައިމަރީން ބަލިވި ފަރާތެކެވެ. ޕްރައިމަރީގައި އާނައަށް ލިބުނީ 30 ވޯޓެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައި ރައީސް މުއިއްޒު ރޭ ބޭއްވި ޖަލްސާގައި ވެސް އާނަ ބައިވެރިވި އެވެ.

އާޕްއަކީ ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރި ފަރާތެކެވެ. ކުއްލިގޮތަކަށް އޭނާއަށް ތާއީދު ނުކުރަން ރައީސް ނިންމެވީ ކީއްވެ ކަމެއް ނޭނގެ އެވެ.

މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ޕީއެންސީން ހަރުކޮށްފައިވާ އެ ޕާޓީގެ ޓިކެޓްގައި މާލޭގެ ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ފޮޓޯ ހިމެނޭ ބިލް ބޯޑުތަކުގައި ވެސް އާޕްގެ ފޮޓޯއެއް ނެތެވެ.

އާޕްއަކީ ސަރުކާރާ ދެކޮޅަށް އެއްވެސް މަސައްކަތެއް ކުރި މީހަކަށް ނުވާއިރު، އޭނާއަށް ރައީސް މުއިއްޒު ތާއީދު ނުކުރައްވަނީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.

ޕާޓީން ޓިކެޓް ދީފައިވާ ކެންޑިޑޭޓުންނާ ދެކޮޅަށް މަސައްކަތް ކުރުމަކީ ޕީއެންސީގެ އަސާސީ ގަވާއިދުގެ ދަށުން މަނާ ކަމެކެވެ.