ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފައްދާ ޖަލްސާ މާދަމާ ރޭ ބާއްވަން ނިންމައި، އެ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަން އިއުލާންކޮށްފި އެވެ.
ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މަލީހު ޖަމާލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންއެފް އުފައްދަން މާޗު 8، ގައި ޣިޔާސުއްދީން ސްކޫލްގައި ބާއްވާ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އެމްއެމްޕީއާރްސީގެ މައްސަލައިގައި ކޮރަޕްޝަން އަދި ރިޝްވަތު ދިނުމުގެ ކުށެއް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ޔާމީން މިވަގުތު ހުންނެވީ ގޭ ބަންދުގަ އެވެ. ނަމަވެސް ބޭރަށް ނުކުމެވަޑައިގަތުމުގެ ހުއްދަ އޮވެ އެވެ. އެގޮތުން ޖަލްސާގައި ބައިވެރިވުމަށް ޔާމީނު ވަނީ ކަރެކްޝަންސްގެ ހުއްދައަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ސީދާ ޖަވާބެއް ދޭން ކަރެކްޝަނުން ބޭނުމެއް ނުވެ އެވެ. ކަރެކްޝަންސް އިން ހަމައެކަނި ބުނީ ރައީސް ޔާމީންގެ ސިޓީއަށް ޖަވާބު ދީފައިވާ ކަމަށެވެ.
ކަރެކްޝަނުން މި ހުއްދަ ދިން ނަމަވެސް، ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން އެމަނިކުފާނަށް އޮތީ ރަސްމީކޮށް މަނާކޮށްފަ އެވެ. އެހެންނަމަވެސް ޕީއެންއެފްގެ ޖަލްސާތަކުގައި ރައީސް ޔާމީން ވަރަށް ގިނަ ފަހަރު ބައިވެރިވެވަޑައިގަންނަވަ އެވެ.
ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ އިރު، ހައި ކޯޓުން އަދިވެސް އެ މައްސަލައިގެ ހުކުމެއް ނީއްވާތާ ތިން މަހަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
އެކަމަކު، އެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ނިންމާލައިފަ އެވެ.
ޔާމީނަށް ބޮޑެތި ލުއިތަކެއް ދީފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން އެމަނިކުފާނަށް އިތުރު ލުޔެއް ވެސް ލިބިވަޑައިނުގަންނަވަ އެވެ.