ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ބިން ނުހިއްކާ ތަންތަނުން ދޫކޮށްފައިހުރި ގޯތިތައް ލިބުނު މީހުންނަށް ބިން ދޫކުރާނެ ކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން މިނިސްޓަރުގެ ނަމުގައި ހައުސިން މިނިސްޓްރީން ލިޔުމެއް ދޫކޮށްފި އެވެ.

ހައުސިން މިނިސްޓްރީން ބުނީ "ބިންވެރިޔާ ސްކީމް" ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ދޫކުރާނެ ކަމުގެ ޔަގީންކަން ފޯރުކޮށްދިނުމުގެ ގޮތުން ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރުގެ ނަމުގައި ބިން ލިބުނު ފަރާތްތަކަށް ލިޔުމެއް ފޯރުކޮށްދީފައިވާ ކަމަށެވެ. މި ލިޔުން ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ފެންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

ގުޅިފަޅާއި ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން މާލެއިން 9101 މީހަކަށް ވަނީ ގޯތި ލިބިފަ އެވެ. ނަމަވެސް އެ ސަރުކާރު ނިމުނުއިރުވެސް ގޯތީގެ ރަޖިސްޓްރީ އާއި ބިން ހަވާލުކޮށްފައި ނުވާ މީހުން އެބަތިއްބެވެ.

ބިންވެރިޔާ ސްކީމްގައި ގޯތި ދޫކުރަނީ، ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުންނެވެ. އެގޮތުން ހުޅުމާލެއިން 1351 ގޯތި، ގުޅީފަޅުން 2218 ބިން އަދި ގިރާވަރު ފަޅުން 5432 ގޯތި ދޫކުރުމަށް އޮތީ ނިންމާފަ އެވެ. ގޯތި ދޫކުރުމަށްޓަކައި އެތަންތަން ހިއްކުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނައިރު، އެތަންތަން ހިއްކަމުން ދަނީ ކުރިން ކަނޑައަޅާފައި އޮތް މިންވަރަށްވުރެ ބޮޑުކޮށެވެ.