ބަންގްލަދޭޝް އަށް އުފަން ހާފިޒް ކަމްރުލް އާލަމް ސޯޝަލް މީޑިއާގައި ހިއްސާކުރާ އޭނާގެ ހިތްގައިމު ގުރުއާން ކިޔެވުމުގެ ވީޑިއޯތަކުގެ ސަބަބުން ދުނިޔޭގެ މުސްލިމް ވަރަށް ގިނަ ގައުމުތަކުގައި އޭނާ އަށް ވަނީ ވަރަށް ބޮޑު މަގްބޫލްކަމެއް ލިބިފަ އެވެ. ވޭތުވެދިޔަ ދެ ރޯދަ މަހު ހާފިޒް ކަމްރުލް އާލަމް އިމާމުވެ ތަރާވީހު ނަމާދުކޮށްފައި ވަނީ ފުވައްމުލަކުގަ އެވެ. ހާފިޒް ކަމްރުލް އާލަމްގެ ފަރިތަ އަދި ހިތްގައިމު ގުރުއާން ކިޔެވުމުން ފުވައްމުލަކުގެ އެތައް ބައެއްގެ ހިތްތަކަށް ވަނީ ފިނިކަން ގެނެސްފަ އެވެ.

ޔޫޓިއުބާއި ފޭސްބުކް، އިންސްޓަގްރާމް އަދި ޓްވިޓާގައި އޭނާ ހިއްސާކުރާ ގުރުއާން ކިޔެވުމުގެ ހިތްގައިމް ވީޑިއޯތަކަށް އެތައް ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ. އެ ކިޔެވުމަށް އަބަދުވެސް ލިބެނީ ތައުރީފްގެ ބަސްތަކެވެ.

ބަންގްލަދޭޝް އަށް އުފަން ކަމްރުލް އާލަމް ވޭތުވެދިޔަ ދެ ރޯދަ މަހު ވެސް އިމާމްވެ ތަރާވީހް ނަމާދުކޮށްފައި ވަނީ ފުވައްމުލަކުގަ އެވެ. އޭގެ ކުރިން އޭނާ ވަނީ ބަންގްލަދޭޝްގައި އެކި މިސްކިތްތަކުގައި އިމާމުވެ ތަރާވީހު ނަމާދު އެތައް އަހަރަކު ކޮށްފަ އެވެ. ހާފިޒް ކަމްރުލް މަޝްހޫރުކަން ހޯދާފައި ވަނީ ހަމައެކަނި ބަންގްލަދޭޝްގައެއް ނޫނެވެ. އޭނާގެ ހިތްގައިމު އަޑުން ފަރިތަކަމާ އެކު ގުރުއާން ކިޔަވާ ވީޑިއޯތައް ޔޫޓިއުބުގައި ހިއްސާކުރާތީ ދުނިޔޭގެ މުސްލިމް އެތައް ގައުމެއްގައި، ޒުވާން ހާފިޒް ކަމްރުލް އާލަމަށް ވަނީ ބޮޑު މަގްބޫލް ކަމެއް ލިބިފަ އެވެ.

ކަމްރުލް އާލަމް ރާއްޖެ ގެނައީ ވެސް ސޯޝަލް މީޑިއާގައި ދައުރުވާ އޭނާގެ ހިތްގައިމު އަޑުން ގުރުއާން ކިޔަވާފައިވާ ވީޑިއޯތަކުގެ ސަބަބުންނެވެ.

https://www.youtube.com/watch?v=deVzn4uN-9A

ބަންގްލަދޭޝްގެ އިސްލާމިކް ސްކޫލް (މަދަރުސާ) އަކުން ކިޔެވުމަށް ފަހު، ޖޫނިއާ ޑާކިލް ސެޓްފިކެޓް (ޖޭޑީސީ) ހާސިލް ކުރުމަށް ފަހު އަމިއްލަ އަށް ބޭނުންވެގެން ކަމްރުލް ވަނީ ގުރުއާން ހިތުދަސްކުރަން ފަށައިފަ އެވެ. ދެ އަހަރު ތެރޭ އޭނާ ވަނީ ގުރުއާން ހިތުދަސްކޮށްފަ އެވެ. އޭގެ ފަހުން އެތައް ބައިވަރު ވީޑިއޯތަކެއް ވަނީ ސޯޝަލް މީޑިއާ އަށް ދޫކޮށްލައިފަ އެވެ.

ކަމްރުލް އާލަމްގެ ކިޔެވުމަށް ލިބިފައިވާ ބޮޑު ތަރުހީބާ އެކު ހެޔޮ އެދޭ ފަރާތަކުން ސްޕޮންސާކޮށްގެން އޭނާ މިދިޔަ އަހަރު ވަނީ ފުވައްމުލަކަށް ގެންގޮސްފަ އެވެ. ފުވައްމުލަކަށް ދިއުމުގެ ކުރިން އޭނާ އެއްރޭ ވަނީ ހުޅުމާލޭގެ ފުރަތަމަ ފޭސްގައި ހުންނަ ގަތަރު މިސްކިތުގައި ވެސް އިމާމުވެ ނަމާދުކޮށްފަ އެވެ. މިދިޔަ އަހަރު އޭނާ އިމާމްގެ ތަރާވީހު ނަމާދު ކުރީ ފުވައްމުލަކުގެ މަސްޖިދުލް އަލް އިނާރާ މިސްކިތުގަ އެވެ.

ބަންގްލަދޭޝްގެ ގާރީ ހާފިޒް ކަމްރުލް އާލަމް

ހާފިޒް ކަމްރުލް ބުނެފައިވާ ގޮތުގައި ބަންގްލަދޭޝް މީހަކު މެދުވެރިކޮށް އޭނާ ހޯދާ ފުވައްމުލަކަށް ގެންދަން ކޮންޓެކްޓްކޮށްފައި ވަނީ ޔޫޓިއުބް ވީޑިއޯތަކުން އޭނާގެ ކިޔެވުން ފާހަގަވެގެންނެވެ.

މި އަހަރު އޭނާ އިމާމުވެ ތަރާވީހު ނަމާދުކޮށްފައި ވަނީ ފުވައްމުލަކުގައި މި ރޯދަ މަހަށް އަލަށް ހުޅުވި މަސްޖިދުލް ހުދާގަ އެވެ.

"ވަރަށް ހިތްހަމަޖެހޭ އަޑު އަހާލަން ވަރަށް ފަސޭހަ އޭނާގެ ކިޔެވުން،" ފުވައްމުލަކު ހުދާ މިސްކިތުގައި އާއްމުކޮށް ތަރާވީހު ނަމާދުކުރި މީހަކު ބުންޏެވެ.

ބަންގްލަދޭޝްގެ ގާރީ ހާފިޒް ކަމްރުލް އާލަމް

ފުވައްމުލަކުގެ ވަރަށް ގިނަ ބަޔަކު ވަނީ އޭނާގެ ކިޔެވުން އަޑު އަހަން ހުދާ މިސްކިތަށް ތަރާވީހަށް ގޮހެވެ. ފުވައްމުލަކުގެ ގިނަ ރައްޔިތުން އަދިވެސް ބޭނުން ވަނީ ދެން އަންނަ ރޯދަ މަހެއްގައި ވެސް ހާފިޒް ކަމްރުލް އާލަމް އެ ރަށުގެ މިސްކިތެއްގައި އިމާމުވެ ތަރާވީހު ނަމާދު ކުރުމަށެވެ. ހާފިޒް ކަމްރުލް ވެސް ހުރީ އެ ފުރުސަތު އޮތްހާ ހިނދު ބޭނުންކުރާ ގޮތަށެވެ.

ގިނަ ބަޔަކު ގަބޫލްކުރާ ގޮތުގައި ހާފިޒް ކަމްރުލް އާލަމްގެ ކިޔެވުން ބޮޑަށް ވައްތަރީ މައްކާގެ މަސްޖިދުލް ހަރާމްގެ އިސް އިމާމް ޑރ. އަބްދުއްރަހުމާން އައް ސުދައިސްގެ ގުރުއާން ކިޔެވުމާ އެވެ.

ބަންގްލަދޭޝްގެ ގާރީ ހާފިޒް ކަމްރުލް އާލަމް