ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާ ތާރީހަށް މަޖިލީހުން ބަދަލު ނުގެންނަވާނެ ކަމަށް ވިދާޅުވެ އިލެކްޝަންސް ކޮމިޝަންއަށް ނުރުހުން ފާޅުކުރައްވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފި އެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމާގުޅޭ ގޮތުން ދައްކަމުންދާ ބަހަނާތަކަކީ ބަލައި ގަނެވޭނެ ކަންކަމެއް ނޫން ކަމަށާއި، އިންތިހާބުގެ ތާރީހަށް މަޖިލީހުން ދެން ބަދަލެއް ނުގެންނާނެ ކަމަށެވެ.
"އަޅުގަނޑު ކޮމިޝަނާ އޮފް އިލެކްޝަންސްއަށް ވެސް އަދި ހުރިހާ ހޯމްވޯކް ހަދާ ކުދިންނަށް ވެސް ދަންނަވަން އޮތީ މިހާރު މި އޮތީ ހޯމް ވޯކް ދިފަ. ދެން އެ ނިންމައިގެން އަވަހަށް އަންނާށޭ. އެ ނޫން ގޮތެއް މިއަކު ނެތޭ. އިންތިހާބް މިއޮތް ދުވަހު އިރާދަ ކުރެއްވިއްޔާ އިންތިހާބު އޮންނާނެ. އަޅުގަނޑުމެން އެއަކަށް އިރާދަ ކުރެއްވިއްޔާ ބަދަލެއް ނުގެންނާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބު ބޭއްވުމަށް އެޗްޕީއޭ އިން މިހާރު އެކުލަވާލާފައިވާ ގައިޑްލައިނާއި އެއްގޮތައް އިންތިޚާބު ނުބޭއްވޭނެ ކަމަށް ވިދާޅުވެ އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފަ އެވެ.
ގާނޫނުގައި ބުނާ މުއްދަތުގައި އިންތިޚާބު ނުބޭއްވޭނަމަ އެކަން އިލްކެޝަންސް ކޮމިޝަނުން ރައްޔިތުން މަޖިލީހަށް ހުށަހަޅަންޖެހެ އެވެ. އެހެންކަމުން ކޮމިޝަންގެ ހުރި ކަންބޮޑުވުންތައް ފާހަގަކޮށް މިހާރު ކަނޑައެޅިފައިވާ ތާރީހުގައި ވޯޓްލުން ނުބޭއްވިދާނެތީ އިންތިޚާބު ފަސްކޮށްދިނުމަށް އެދި މަޖިލީހަށް ހުށައެޅީ މިދިޔަ ހަފްތާގަ އެވެ. ބަޖެޓްގެ ދަތިކަމާއި އިންތިޚާބުގައި އަމަލުކުރަން އެޗްޕީއޭއިން ބުނާ ކަންކަން ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ ބުނަމުންނެވެ.
މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކުރި އިންތިހާބު ކޯވިޑާއި ގުޅިގެން އެ މުއްދަތުގައި ނުބޭއްވުމުން ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް މަޖިލީހުން ވަނީ ހާއްސަ ގާނޫނެއް ފާސްކޮށްފަ އެވެ.
އެގާނޫނުގައި ބުނާގޮތުން މިއަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހުގެ ކުރިން ބާއްވާ ނިންމަންޖެހެ އެވެ.