ދުޅަހެޔޮ ސިއްހަތެއްގައި ހުރުމާއިއެކު ރީތި ހަށިގަނޑެއް ބައްޓަންކުރުމަށް އެންމެންވެސް އެދޭނެ އެވެ. އެގޮތުން ސޯޝަލް މީޑިއާގެ ދައުރާއެކު ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކެއިންބުއިމާއި، ކަސްރަތުކުރުމުގެ މުހިއްމުކަން މިވަނީ އާންމުންގެ ތެރޭގައި ވަރަށްބޮޑަށް އިތުރުވެފަ އެވެ.

އެއާއިއެކު ދުޅަހެޔޮ ލައިފްސްޓައިލްއާއި ކަސްރަތުކުރުން މީސްމީޑިއާގައި އިސްތިހާރުކުރާ "އިންފްލުއެންސަރުންގެ" އަދަދު ވެސް މިވަނީ އިތުރުވެގެން ގޮސްފަ އެވެ.

އެގޮތުން އިންސްޓަގްރާމްގައި#Fitspiration ހޭޝްޓެގް އެކަނިވެސް 17.9 މިލިއަން ފަހަރު ބޭނުންކޮށްފައިވެ އެވެ.

ސިއްހަތަށް ރަނގަޅު އާދަތައް އިސްތިހާރުކުރުމަކީ ދުޅަހެޔޮ މުޖުތަމައެއްގެ ބިނާ ކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމުގައި ވިޔަސް މީސްމީޑިއާއިން މިފެންނަ ސިކްސް ޕެކް އެބްތަކުގައި ފަހަތުގައި އަނދިރި ފަރާތެއް ފޮރިވިފައިވެ އެވެ.

މި ފަހަކަށް އައިސް މެޑިކަލް ޓާމެއް ކަމެއްވާ އޯތްރެކްސިއާ ނާވޯސާގެ ނަންދެވިފައިވާ ކެއިންބުއިމުގެ ޑިސްއޯޑާ އެއް މިވަނީ މީހުންގެ ސަމާލުކަން ހޯދާފަ އެވެ.

މި ޑިސްއޯޑާ ދިމާވަނީ މާބޮޑަށް ސިއްހަތަށް ފައިދާ ހުންނާ ކާނާ ކާން މަސައްކަތްކުރާ މީހުން ނުވަތަ އެފަދަ ކަނާ ކެއުމަށް އަމިއްލަ ނަފްސަށް މަޖުބޫރުކުރުވާ މީހުންނާއި، ވަކި ގޮތަކަށް ހަށިގަނޑު ބައްޓަންކުރުމަށްޓަކާ މާގިނައިން ކަސްރަތުކުރާ މީހުންނަށެވެ.

ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމާއި ކަސްރަތުކުރުމަކީ ރަނގަޅު އާދަތަކެއް ކަމުން ގިނަ ފަހަރަށް މިއީ މައްސަލެއް ކަމަށް ހީވެސް ނުވެދާނެ އެވެ. އެހެން ނަމަވެސް އޯތްރެކްސިއާ އަކީ އާދައިގެ ހާލަތެއް ކަމުގައި ދެކިގެން ނުވާނެ އެވެ.

ވަގުތު އޮއްވާ ފަރުވާ ނުކުރެވިއްޖެ ނަމަ މީގެ ސަބަބުން މަލްނިއުޓްރިޝަން އަދި އެހެނިހެން ސިއްހީ މައްސަލަތައް ދިމާވުމަށް މަގުފަހިކޮށް މީހާގެ ނަފްސާނީ ދުޅަހެޔޮހެޔޮ ކަމަށްވެސް ނޭދެވޭ އަސަރުތަކެއް ކުރުވަ އެވެ.

ކެއިން ބުއިމުގެ ޑިސްއޯޑާއެއް ދިމާވާ މީހަކަށް އޭގެއިން ސަލާމަތްވުމަކީ ފަސޭހަކަމެއްނޫނެވެ. އަދި މިއީ ބައެއް ފަހަރު ވަރަށް ދިގުދެމިގެންދާ ފަރުވާއެކެވެ. މި ފަރުވާގެ ތެރޭގައި ވަރަށް ގިނަ ފަހަރަށް އަނބުރާ ކުރީގެ ހާލަތަށްދެވޭ ފަހަރުވެސް އާދެ އެވެ.

ޔޫ.ސީ.އެލްގެ ސައިންޓިސްޓުން 2017 ވަނަ އަހަރުކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި މީސްމީޑިއާގެ ވަސީލަތްތައް ބޭނުންކުރާ މީހުންގެ ތެރެއިން އޯތްރެކްސިއާ ފެނުން އެންމެ ބޮޑީ އިންސްޓަގްރާމް ބޭނުންކުރާ މީހުންގެ ފަރާތުންނެވެ.

މި ސައިޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި އިންސްޓަގްރާމްގައި ހަރަކާތްތެރިވާ ފިޓްނެސް ކޮމިއުނިޓީގެ ފަރާތުން އޯތްރެކްސިއާ ކަމަށް ބެލެވޭ ގިނަ އަލާމާތްތަކެއް ފެނިފައިވާ ކަމަށެވެ. ދިރާސާވެރިން ގަބޫލުކުރާ ގޮތުގައި އިންސްޓަގްރާމްގައި މިފަދަ މީހުންގެ ކެއިންބުއިމުގެ ވައްޓަފާޅި އާއި ކުރާ ކަސްރަތުތައް ރަނގަޅުކަމަށް ދެކި އެމީހުންގެ ގިނަ އަދަދެއްގެ ފޮލޯވަރުން އެކަންތައް ނަކަލުކުރެ އެވެ. އެހެންކަމުން މީގެ ނޭދެވޭ އަސަރު ގިނަ އަދަދެއްގެ ބަޔަކަށް ކުރުން އެކަށީގެންވެ އެވެ.

އިންސްޓަގްރާމަކީ އެހެން ނޫނަސް އެނޮރެކްސިއާއާއި އޯތްރެކްސިއާ ފަދަ ހާލަތްތައް އިސްތިހާރުކުރާ ޕްލެޓްފޯމެކެވެ. އިންސްޓްގްރާމްގައި ހުހިހާ ވެސް އެއްޗަކީ ބަލާލަން ރީތި ފޮޓޯތަކާއި އޭގެ "އެސްތެޓިކްސް" އެވެ.

އިންސްޓަގްރާމްގައި ފެންނަން ހުންނަނީ ދުޅަހެޔޮ ރީތި ހަށިގަނޑުތަކުގެ ފޮޓޯއެވެ. އެ ފޮޓޯގެ ފަހަތުގައި ހިނގާ ކަންތައް ފެންނާކަށް ނުހުރެއެވެ.

ގިނަ އިންފުލުއެންސަރުން އެމީހުންގެ ބަލާލަން ރީތި ހަށިގަނޑު ދެމެހެއްޓުމަށް ކުރާ މަސައްކަތް އެމީހުންގެ ފޮލޯވަރުންނާއި ހިއްސާކުރެ އެވެ. އެހެން ކަމުން ފޮލޯވަރުންނަށް ހީވެފައިއޮންނަނީ އެމީހުން ދިރިއުޅުމުގައި ގެންގުޅޭ އާދަތަކަކީ އެންމެ ރަނގަޅު އާދަތައް ކަމަށެވެ.

އެހެން ނަމަވެސް އެ މީހުންނަށް ވެސް ނޭނގި އޮތްކަމަކީ ސިއްހަތަށް ފައިދާހުރި އާދަތައް ކަމަށް ބެލެވިފައިވާ އާދަތަކަކީ ހަގީގަތުގައި ސިއްހަތަށް ގެއްލުންދެނިވި އާދަތައް ކަމެވެ. އަދި މި ފެންނަން ހުންނަ ފޮޓޯތަކަކީ ގިނަ ފަހަރަށް އަސްލެއް ވެސް ނޫނެވެ. ގިނަ ފޮޓޯތައް ހުންނަނީ އެކި އެޕްލިކޭޝަންތައް ބޭނުންކޮށްގެން އެޑިޓްކޮށްފަ އެވެ.

އޮބޭސިޓީ ނުވަތަ މާބޮޑަށް ފަލަވުމަކީ ސިއްހަތަށް ގެއްލުންވާ ކަމެއް ކަމުގައި ބުނެ ވަރަށް ގިނައިން ވާހަކަދެކެވެ އެވެ. އެހެން ނަމަވެސް އޯތްރެކްސިއާ އާއި ފިޓްނެސްއަށް ދެވިހިފުމުގެ ސަބަބުން ސިއްހަތަށް ވާ ގެއްލުމާއި ބެހޭ މައުލޫމާތު ގިނަ މީހުންނަކަށް ނޭނގެ އެވެ.

ސަބަބެއް ކަމުގައި ބެލެވެނީ މިކަން ތަހައްމަލުކުރަމުންދާ މީހުންގެ ހަށިގަނޑު ބޭރުފުށުން ފެންނާނީ ވަރަށް ދުޅަހެޔޮކޮށް، އަދި ރީތި ހަށިގަނޑެއް ކަމުގައި އަހަރެމެންނަށް ވިސްނިފައި އޮންނަ މިންގަނޑުތަކާ އެއްގޮތަށް ކަމަށްވާތީ އެވެ.

ހަށިގަނޑު ނުވަތަ ތިމާ ރީތިވާނީ ވަކިގޮތަކަށް ހުރުމުން ކަމަށް ބުނެ އިންސްޓަގްރާމް ފަދަ މީސްމީޑިއާގެ ވަސީލަތްތަކުގެ ސަބަބުން މީހުންނަށް ވިސްނިފައިއޮވެ އެވެ. އޭގެ ސަބަބުން އިންސްޓަގްރާމްގައި އިސްތިހާރު ކޮށްފައިހުންނަ ގޮތަށް ތިމާގެ ދިރިއުޅުން ބައްޓަން ކުރެވޭތޯ ބެލެ އެވެ.

އެހެންކަމުން މީސް މީޑިއާގައި އުޅޭ މަޝްހޫރު މީހުންހެން ތިބުމަށް ހަމައެކަނި ތަރުކާރީކައި ކަސްރަތުކުރުމަށް ދެވިހިފުން ނުވަތަ "ފިޓްނެސް ފްރީކް" އަކަށް ވުމުން ތިމާއަށް ލިބޭ ގެއްލުން މާ ބޮޑުވެދާނެ އެވެ.

މީގެ ރަނގަޅުގޮތަކީ ކޮންމެ ކަމެއްގައި ވެސް މެދު މިނެއް ގެންގުޅުމެވެ. ސިއްހަތު ރަނގަޅުކޮށް ބެހެއްޓުމަށް ކަސްރަތު ކުރަންވެސް ވާނެއެވެ. ދުޅަހެޔޮ ކާނާވެސް ކާންވާނެއެވެ. އެހެންނަމަވެސް އެއްވެސް ކަމެއްގައި ހައްދުފަހަނަޅާ ދިއުމަކީ ރަނގަޅު ގޮތެއް ނޫނެވެ.