ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން ދިރިއުޅޭ ގޭގެ ކައިރީގައި ގޮތް ނޭނގޭ ދެ މީހަކު ބަޑީގެ ހަމަލާތަކެއް ދީފި އެވެ.

އިއްޔެ ރޭ ފަތިހު ފަހެއް ޖަހާކަންހާއިރު މުމްބާއީގެ ބެންޑްރާގައި ހުންނަ ސަލްމާން ދިރިއުޅޭ ގޭގެ ކައިރިން ބަޑީގެ ތިން ވަޒަނެއް ޖެހި އަޑު ވަނީ އިވިފަ އެވެ.

މި ރިޕޯޓާއެކު ފުލުހުން އެސަރަހައްދަށް ގޮސް ތަހުގީގު ފެށިއިރު އަދި މިހާތަނަށް އެކަމުގެ އެއްވެސް ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ސަލްމާނަކީ އިންޑިއާގެ ގޭންގް ލީޑަރެއް ކަމަށްވާ ލޮރެންސް ބިޝްނޯއީގެ ފަރާތުން މަރުގެ އިންޒާރު ލިބިފައިވާ ތަރި އެކެވެ. މި ހަމަލާއަށްފަހު ސަލްމާން ވަނީ އޭނާގެ ގެ ކައިރިއަށް އެއް ނުވުމަށް ސަޕޯޓަރުންގެ ކިބައިން އެދިފަ އެވެ.

މި އިންޒާރަކީ 1998 ވަނަ އަހަރު ނެރުނު "ހަމް ސާތު ސާތުހޭ"ގެ ޝޫޓިންގެ ތެރެއިން ސަލްމާން ޖަނަވާރަކަށް އަނިޔާކުރި ކަމަށް ބުނެ ދީފައިވާ އިންޒާރެކެވެ. އެ ޖަނަވާރަކީ އެ ސަރަހައްދުގައި ހާއްސަ ގަދަރެއް ދެވިފައިވާ ޖަނަވާރެކެވެ.

އޭގެ ފަހުން ސަލްމާނަށް ފުލުހުންގެ ފަރާތުން ސަލްމާނަށް ހައި ސެކިއުރިޓީ ވަނީ ދީފަ އެވެ. އެއާއެކު ވެސް ބިޝްނޯއީ ގޭންގުން ދޭތެރެ ދޭތެރެއިން ސަލްމާންއަށް ހަމަލާދޭން މަސައްކަތް ކުރެ އެވެ.

މި މައްސަލައިގައި ސަލްމާންގެ މައްޗަށް ދައުވާ އުފުލައި ކޯޓަށް މައްސަލަ ހުށައަޅާފައިވީ ނަމަވެސް މިއަދާ ހަމައަށް އެ މައްސަލައިގެ ހުކުމެއް ކޮށްފައެއް ނުވެ އެވެ.

މަރުގެ އިންޒާރުތަކާ ބެހޭ ގޮތުން މީގެ ކުރިން ވާހަކަ ދައްކަމުން ސަލްމާން ބުނީ އިންޑިއާގައި އޭނާ ދިރިއުޅޭނަމަ އުޅެން ޖެހެނީ ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށާއި ގައުމުން ބޭރަށް ގިނައިން ދަތުރު ކުރަނީ އެހެންވެ ކަމަށެވެ.