ރާއްޖެއަށް އިއްޔެ ކުރި ވިއްސާރާއިގައި މާލެ އާއި ހުޅުލެ އަދި ގއ. ގެމަނަފުއްޓަށް 100 މިލިމީޓަރަށް ވުރެ ގިނައިން ވާރޭ ވެހިފައިވާ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.

މެޓް އޮފީހުން ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރުގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ އިން ވާރޭ ވެހުނީ ހުޅުލެއަށެވެ. ހުޅުލެއަށް 108.4 މިލިމީޓަރުގެ ވާރޭ ވެހުނު އިރު، ދެވަނަ އަށް އެންމެ ގިނައިން ވެހުނީ މާލެއަށެވެ. މާލެއަށް 103.5 މިލިމީޓަރުގެ ވާރޭ ވެހުނެވެ. އަދި ގެމަނަފުއްޓަށް 100.8 މިލިމީޓަރުގެ ވާރޭ ވެހުނެވެ.

މީގެއިތުރުން ފުވައްމުލައް ސިޓީ އަށް 86 މިލިމީޓަރު ވާރޭ، އއ. ތޮއްޑު އަށް 81 މިލިމީޓަރުގެ ވާރޭ، ކ. ދިއްފުއްޓަށް 54.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހާމަކުރެއެވެ. އަދި ސ. ގަމަށް 52.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ދައްކައެވެ. ހުޅުމާލެ އަށް އިއްޔެ ވެހުނީ 47.5 މިލިމީޓަރުގެ ވާރޭއެވެ.

މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މިރޭ ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާ އެކުގައި ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހެނޭ ކަމަށް ލަފާ ކުރެވޭ ކަމަށް ބުނެފައިވެ އެވެ.

ރާއްޖެ އަށް އިއްޔެ ކުރި ވިއްސާރައިގައި މާލޭގެ އިތުރުން ބައެއް އެހެން ރަށްރަށުގައި ފެން ބޮޑުވެ، ބައެއް ގެތަކުގައި ފެން ވެސް ބޮޑުވި އެވެ. އަދި ބައެއް ގެތަކުގައި ދިރިނޫޅެވޭ ވަރުވެގެން ބައެއް މީހުން ވަގުތީ ހިޔާތަކަށް ބަދަލު ކުރި އެވެ.