ތިން ސަރަހައްދެއްގައި މަސް ބަންދުކުރާ ކާރުޚާނާ ގާއިމުކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ޅ. ފެލިވަރުގައި މަސް ބަންދުކުރާ ކާރުޚާނާއެއް ތަރައްގީކުރުމުގެ އިތުރުން ގދ. ފިޔޯރީ އަދި ދ. މާދެލީގައި މުޅިން އަލަށް މަސް ކާރުޚާނާ ގާއިމްކުރެވޭނެ ކަމަށެވެ.

މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ކޮން އުސޫލަކުން ކަމެއް އެ މިނިސްޓްރީން ނުބުނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ހަފުތާއެއްހާ ދުވަހަށް ވެފައިވަނިކޮށް، ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ތިން ރަށުގައި މަސް ބަންދުކުރާ ކާރުޚާނާ ގާއިމުކުރުމަށް ހަވާލުކޮށްފައި ވަނީ ޗައިނާ ސަރުކާރު ހިއްސާވާ ކުންފުންޏެއްކަމަށްވާ ޑޮންގްފަންގް އިލެކްޓްރޯނިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާ އެވެ.

ރާއްޖޭގައި މަސް ބަންދުކުރުމަށް ހުރި ޖާގައިގެ ދަތިކަން ޙައްލުކޮށް ގޮންޖެހުންތައް ނައްތާލުމަށް ހިންގާ މި މަޝްރޫޢުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ މިނިސްޓަރު ޝިޔާމް ވިދާޅުވީ، މި މަޝްރޫއުގެ ދަށުން ފެލިވަރުގައި 100 ޓަނުގެ މަސް ބަންދުކުރާ ކާރުޚާނާއެއް ގާއިމް ކުރެވޭނެ ކަމަށެވެ. އަދި ފެލިވަރަކީ ގިނަ ޒަމާންތަކެއް ވެފައިވާ ތަނަކަށް ވުމާއެކު އޮޕަރޭޝަންތަކުގައި ވެސް އުނދަގޫތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އެތަނުގެ ކެޕޭސިޓީއަކީ 50 ޓަނު ކަމަށްވީ ނަމަވެސް، އެތަނުގައި ޕްރޮސެސް ކުރެވެނީ 40 ވަރަކަށް ޓަނު ކަމަށެވެ. އަދި ފެލިވަރުގައި ގާއިމުކުރާ މަސް ބަންދުކުރާ ފެކްޓްރީއަށް 50 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ދަށުން ދ. މާދެލީގައި ގާއިމުކުރުމަށް ހަމަޖެހިފައިވަނީ 50 ޓަނުގެ މަސް ޕްރޮސެސްކުރާ ފެސިލިޓީއަކާއި 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ކަމަށެވެ. މިއީ މުޅިން އަލަށް ގާއިމުކުރާ ތަނަކަށްވުމުން، މަސް ބަނދަރުގެ އިތުރުން އޮޕަރޭޝަނަށް ބޭނުންވާ އެހެނިހެން އަސާސީ ވަސީލަތްތައް ގާއިމުކުރުން ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އެހެންކަމުން މާދެލީގެ ޕްރޮޖެކްޓަށް 75 ނުވަތަ 100 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭކަމަށް ޝިޔާމް ވިދާޅުވި އެވެ.

މި ދެ ރަށުގެ އިތުރުން ގދ. ފިޔޯރީގައި 3000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 100 ޓަނުގެ މަސް ބަންދުކުރާ ކާރުޚާނާއެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ. މިއީ ވެސް މުޅިން އަލަށް މަސް ބަންދުކުރާ ކާރުޚާނާ ހަދާ ރަށެކެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ޗައިނާގެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން 18 މަސް ދުވަހުގެ ތެރޭގައި މި ތިން ރަށުގެ މަސް ފެކްޓްރީގެ މަސައްކަތް ނިންމާ އޮޕަރޭޝަނަށް ގެންނަންޖެހޭނެ ކަމަށެވެ. މި މަޝްރޫޢުގެ ޑިޒައިނިން އާއި ފައިނޭންސްގެ ކަންކަން އަދި ކުރަންހުރުމާއެކު، މަސައްކަތް ފެށުމަށް ތިން މަސް ހޭދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ޕްރޮޖެކްޓްތައް ނިމުމުން ރާއްޖޭގައި 81،000 ޓަނުގެ މަސް ދަޅުގަޔާއި ޕައުޗްގައި ބަންދު ކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.