2010ގެ އަހަރުތަކުގައި ބޮލީވުޑްގެ ގިނަ ފިލްމުތަކުން އާއްމުންގެ ތަރުހީބު ހޯދާފައިވާ ސޯނަމް ކަޕޫރު ފިލްމީ މަސައްކަތްތަކުން ދުރުވެ ހުންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.
އަލަތު ދަރިފުޅު ވިހެއުމަށްފަހު ދަރިފުޅުގެ ކަންކަމުގައި ބުރަކޮށް އުޅެމުން އަންނަ ސޯނަމް ދާދި ފަހުން ވަނީ އޭނާގެ ފަހު ފޮޓޯތަކެއް އާއްމުކޮށްފަ އެވެ.
އިންސްޓަގްރާމްގައި ހިއްސާކުރި އެ ފޮޓޯތަކުން އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލެއް އައިސްފައިވާކަން ފާހަގަވެ އެވެ. އެގޮތުން މާބަނޑު ދުވަސްވަރު އިތުރުވި ބަރުދަން ލުއިކޮށް ކުރިން ހުރި ވަރަށް ހަށިގަނޑު ހިއްކާލާފައިވާ ކަމަށް އާއްމުން ފާހަގަ ކުރެ އެވެ.
ތަފާތު ދެ ހެދުމެއްގައި ނަގާފައިވާ އެ ފޮޓޯ ޝޫޓުގެ ފޮޓޯތަކުގައި ސޯނަމް ބޭނުންކޮށްފައިވާ ފެޝަންއަށް ވެސް ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ.
ދަރިފުޅު ވިހެއުމަށްފަހު އެއްވެސް ކަމެއްގައި އަވަސް އަރުވާލައިގެން ނޫޅޭ ކަމަށާއި އެހެން ކަމުން ބޮލީވުޑަށް އެނބުރި އައުން ވެސް ލަސްވެދާނެ ކަމަށް ސޯނަމް އިޝާރާތް ކޮށްފައިވެ އެވެ.
2018 އަހަރު ވިޔަފާރިވެރިޔާ އާނަންދު އަހޫޖާއާ ކައިވެނިކުރި ސޯނަމްއަށް އަލަތު ދަރިފުޅު ވާޔޫ ލިބުނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ.