ހދ. ކުޅުދުއްފުށީ ސިޓީގެ ފެނަކަ ބްރާންޗުގެ ތިން މުވައްޒަފަކު ސަސްޕެންޑުކޮށްފި އެވެ.
ފެނަކައިން ބުނީ ކުޅުދުއްފުށި ސިޓީގެ ފެނަކަ ބްރާންޗުގެ ތިން މުވައްޒަފުން 14 ދުވަހަށް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. އެ މުވައްޒަފުން ސަސްޕެންޑްކުރީ މަސައްކަތަށް އެއްބާރުލުން ނުދިނުމާއި އިތުރު މައްސަލަތަކެއް ބަލަމުން އަންނާތީ ކަމަށް ފެނަކައިން ބުނެ އެވެ. އެހެން ނަމަވެސް ބަލަމުން އަންނަނީ ކޮން މައްސަލަތަކެއް ކަމެއް ފެނަކައިން ހާމައެއް ނުކުރެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނަކަ ބްރާންޗުން ސަސްޕެންޑުކުރީ އެ ބްރާންޗާ ހަވާލުވެގެން ހުންނެވި އަބްދުލް ހަމީސް އިބްރާހިމްގެ އާއި އިތުރު ދެ މުވައްޒަފެކެވެ.
ކުޅުދުއްފުށީގައި ޖެނެރޭޓަރަކަށް ދިމާވި މައްސަލައަކާގުޅިގެން އޯވަ ލޯޑްވެގެން ކަރަންޓުގެ މައްސަލަ ދިމާވާތާ މަހަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. އަދި ރަށުން ކޮންމެ ދުވަހަކު ވެސް އަންނަނީ ޝެޑިއުލްއެއް ނެރެގެން އެކި ހިސާބުތަކުން ކަރަންޓު ކަނޑަމުންނެވެ.
އެކަމަށް ހައްލު ގެނައުމަށް އާ ޖެނެރޭޓަރެއް ގެނެސް ކަރަންޓުގެ މުޅި މައްސަލަ ހައްލު ކުރުމަށް ފެނަކައިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ކުޅުދުއްފުށީގެ ކަރަންޓް މައްސަލަ ހައްލުކުރުމަށް މިތިން މުވައްޒަފުންގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ލިބެމުން ނުދާ ކަމަށް މައުލޫމާތު ލިބެ އެވެ. އަދި މިތިން މުވައްޒަފުން އެސިޓީގެ ސަރަހައްދުތަކުން ގަސްދުގައި ކަރަންޓު ކަނޑާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
ކުޅުދުއްފުށީ ފެނަކަ ބުރާންޗް ހިންގުން މިއަދު ވަނީ އެ މަގާމުގައި ކުރިން ހުންނެވި މަމްދޫހުއާ އަލުން ހަވާލުކޮށްފަ އެވެ.