އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވޯޓުލާ ވަގުތު އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

މިއަދު ބޭއްވި ކޮމިޝަންގެ ބައްދަލުވުމެއްގައި ނިންމީ ހަވީރު 5:30 އަށް ވޯޓުލާ ވަގުތު އިތުރު ކުރުމަށެވެ.

މީގެ ކުރިން ވޯޓުލާ ވަގުތުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ. 4 ޖަހާއިރު ކިޔޫތައް ބަންދުކުރާނެ ކަމަށް އޭރު އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ.

ނަމަވެސް އިއްޔެ ބޭއްވި މަޖިލިސް އިންތިޚާބުގެ ގައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމުގައި ވަގުތު އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ވަނީ ލަފާ އަރުވާފަ އެވެ. މިލަފަޔާ ގުޅިގެން އިލެކްޝަންސްގެ މެންބަރުން ބޭއްވި ބައްދަލުވުމުގައި ނިންމެވީ ވަގުތު ހަވީރު 5:30 އަށް އިތުރު ކުރުމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ "ހުރިހާ"އަށް މިއަދު ވިދާޅުވީ ވަގުތު އިތުރު ކުރުމަށް ކޮމިޝަނުން ނިންމީ މޫސުމަށް ބެލުމަށްފަހު ކަމަށެވެ. އެގޮތުން، ވާރޭ ވެހުމުގެ ސަބަބުން ވޯޓުލާން ދިއުމަށް ދަތިވެދާނެ ކަމަށް ނުވަތަ އަވިގަދަވުމުގެ ސަބަބުން ވޯޓުލާން ދާ މީހުން ވޯޓުލާ މަރުކަޒުތަކަށް ދާ އަދަދު ހަވީރު ގިނަވުން ފަދަ ކަންކަމަށް ބަލާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިގޮތަށް ނިންމީ މޫސުމް ކޮންމެ ގޮތަކަށް އޮތަސް ވީހާވެސް ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ދިނުމުގެ ގޮތުން. މިގޮތަށް ނިންމީ ގައުމީ ލަފާ ދޭ ކޮމިޓީގެ މަޝްވަރާގެ މަތިން ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމުގައި،" ހަސަން ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ގެނައި މިބަދަލާއެކު މިހާރު އާދީއްތަ ދުވަހު އޮންނަ މަޖިލިސް އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:30 އާ ހަމައަށެވެ. ވޯޓު ގުނަން ފަށާނީ ވޯޓު ފޮށިތައް ބަންދުކުރާތާ 30 މިނެޓް ފަހުންނެވެ.

މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރައްވާއިރު ޖުމްލަ 602 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ. މި އިންތިޚާބުގައި 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.