އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިން ކުށް ސާބިތުވެ، ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ ތެރެއިން ހަތަރު އަހަރުގެ ހުކުމް ހައިކޯޓުން ބާތިލްކޮށް، މައްސަލަ އަލުން ބަލަން އަންގައިފި އެވެ.

ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފްގެ މައްސަލައިގެ ޝަރީއަތް ނިންމާލީ މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.

ރައީސް ޔާމީން ޖަލަށް ލާން ހުކުމް ކުރި ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އެމަނިކުފާނު ހުންނަވަނީ ގޭ ބަންދުގަ އެވެ. އަދި އިސްތިއުނާފުގެ މައްސަލަ ނުނިމި ލަސްވާތީ އެމަނިކުފާނާއި ވަކީލުން ވެސް ގެންދަވަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ރައީސް ރައީސް ޔާމީންގެ މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުން ވަނީ މިއަދަށް ތާވާލުކުރުމުން ރައީސް މުހައްމަދު މުއިއްޒު ރޭ ވަނީ ކުރީގެ އިސްތިއުނާފުގެ މައްސަލައިގައި ހުކުމް އިއްވެވުމަށް މިއަދަށް ތަވާލުކުރެއްވުމުން އުފާކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް ޔާމީނަށް އިންސާފު ލިބި މިނިވަންވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މިއަދު ހުކުމް އިއްވި ބެންޗްގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދު އެވެ. އެ ބެންޗުގައި ދެން އިންނެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ސަލީމް އެވެ. އެ ތިން ފަނޑިޔާރުން ވެސް ވަނީ ފަނޑިޔާރު ހުޒައިފާގެ ރައުޔަށް ތާއީދުކުރައްވައިފަ އެވެ.

ހައިކޯޓުގައި މިއަދު އޮތް ޝަރީއަތުގެ އަޑުއެހުމުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ.

ރައީސް ޔާމީނުގެ ފަރާތުން ހައި ކޯޓަށް 14 އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައިވާއިރު، ފުރަތަމަ ނުކުތާއަކީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމުގެ މުއްދަތު ކްރިމިނަލް ކޯޓުން ގުނާފައިވާ ގޮތާ ގުޅޭގޮތުން ހުށަހެޅި ނުކުތާއެކެވެ. އަދި ކްރިމިނަލް ކޯޓުގައި މި މައްސަލަ ކުރިއަށް ދިޔައިރު މައްސަލަ ބައްލަވާ ގާޒީ ވަނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް 15 ދުވަހުގެ މުއްދަތެއް ދައުލަތާއި ދިފާއަށް ވެސް ދެއްވާފަ އެވެ. އަދި 15 ދުވަސް ގުނާނީ މާނަ ކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގެ ދަށުން ކަމަށް ފަނޑިޔާރު ވިދާޅުވެފައިވެ އެވެ.

އެހެންނަމަވެސް އެ މުއްދަތުގެ ތެރޭގައި ހުށައެޅުމެއް ހުށައަޅުއްވާފައި ނުވާކަން ބަޔާން ކުރައްވައި، އެ ހުށައެޅުންތައް ބަަލައިނުގެންނެވުމަށް ފަނޑިޔާރު ނިންމެވި ކަން ފާހަގަކުރި އެވެ.

ހައިކޯޓުގެ ފަނޑިޔާރު ހުޒައިފާ ވިދާޅުވީ، ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ދެއްވި މުއްދަތު ގުނާނެ ގޮތާއި ގުޅޭގޮތުން ދިފާއުން ސުވާލު ކުރުމުން ގާޒީ އޭރު ސާފު ޖަވާބެއް ދެއްވާފައިނުވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ފަރާތުން ތަކުރާރުކޮށް އެ ސުވާލު ކުރުމުން ވެސް، މުއްދަތު ގުނާނެ ގޮތުގެ ސާފު ޖަވާބެއް ގާޒީ ދެއްވާފައިނުވާ ކަމަށާއި، ދަށު ކޯޓުން ފަހުން އަމަލުކުރި ގޮތުން އެ ނިންމުން އިސްތިއުނާފު ކުރުމުގެ ފުރުސަތު ވެސް ޔާމީނަށް ގެއްލިގެން ގޮސްފައިވާކަން ފަނޑިޔާރު ހުޒައިފާ ފާހަގަ ކުރެއްވި އެވެ.

ރައީސް ޔާމީން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައިގެ ހުކުމް ފަނޑިޔާރު ހުޒައިފާ މުހައްމަދު މިއަދު އިއްވަވަނީ.

ފަނޑިޔާރު ވިދާޅުވީ، ދަށު ކޯޓުން އަމަލުކޮށްފައިވާ ގޮތުން ދައުލަތާއި ދިފާއަށް ވެސް އޮޅުން އަރާފައިވާކަން މައްސަލައިގެ ޝަރީއަތް ހިނގާފައިވާ ގޮތުން އެނގިގެންދާ ކަމަށެވެ. އަދި އަދުލުވެރި ޝަރީއަތެއް ކުރިއަށް ދިޔަކަމަށް ބެލެވޭނީ ޝަރީއަތުގެ އިޖުރާއަތުތަކަށް ދެފުށް ފެންނަ ގޮތަކަށް އަމަލުކޮށްގެން ކަމަށް ވެސް ފަނޑިޔާރު ހުޒައިފާ ވިދާޅުވި އެވެ.

ރައީސް ޔާމީނުގެ ފަރާތުން ހުށަހަޅާފައިވާ 5 އަދި 6 ވަނަ ނުކުތާ ބިނާވެފައިވަނީ ދައުލަތުން ހުށަހެޅި އައު ހެކިތައް ބަލައިގެންފައިވާތީ ހުށަހަޅާފައިވާ ނުކުތާއެކެވެ. އެ ނުކުތާގައި ހައިކޯޓުން މިހާރު ވަނީ ގޮތް ނިންމައި، ދައުލަތުގެ "ސަޕްރައިޒް" ހެކިތައް ބަލައިގަތުމަށް ދަށު ކޯޓުން ނިންމީ ރަނގަޅަށް ނޫން ކަމަށް ކަނޑަައަޅާފަ އެވެ. އެއީ ޔޫސުފް ނައީމްގެ ބައިގައި ކުރި ހުކުމުގަ އެވެ.

ރައީސް ޔާމީނުގެ ފަރާތުން ވަނީ މި މައްސަލައިގައި އިއްވާފައިވާ ހުކުމާއި، ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓާ ތަފާތު ކަމަށާއި، އެކަމުގެ ސަބަބުން އިސްތިއުނާފަށް ވެސް އޭގެ އަސަރުކޮށްފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ހުށަހަޅާފައިއެއް ނުވެ އެވެ. އެހެންކަމުން ހައިކޯޓުން އެ ނުކުތާގައި ގޮތެއް ނިންމާފައެއް ނުވެ އެވެ.

ރައީސް ޔާމީނުގެ ފަރާތުން ހުށަހެޅި ގިނަ އިސްތިއުނާފީ ނުކުތާތައް ހުށަހަޅާފައިވަނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ މައްޗަށެވެ.

ރައީސް ޔާމީނުގެ މައިގަނޑު ޖަދަލަކީ ވެސް އެ ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތު ލިބިދީފައި ނެތުމުން، ބޭއިންސާފު ކުރިމަތިވެފައިވާ ކަމެވެ.

ފަނޑިޔާރު ހުޒައިފާ ވިދާޅުވީ، ދެފަރާތުން ހުށަހަޅާފައިވާ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ފުރުސަތު ދެވި، އަލުން އެކަންކަން ބަލަން ޖެހޭ ކަމަށެވެ. އަދި ފަނޑިޔާރު ހުޒައިފާގެ ނިންމެވުމަށް ބާކީ ތިއްބެވި ދެ ފަނޑިޔާރުން ވެސް ތާއީދު ކުރެއްވި އެވެ. އެކަންކަން ފާހަގަކޮށް، ހުކުމުގައިވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކުރާ ކަމަށެވެ. އަދި އެ މައްސަލާގައި ޝަރީއަތުގެ ކުރީގެ މަރުހަލާގައި އަމަލުކުރި ގޮތުން ހެކިތަކަށް ބަދަލު އައުމުގެ ފުރުސަތު އޮތުމުން އެ މައްސަލަ އަލުން ބެލުމަށްޓަކައި ކްރިމިނަލް ކޯޓަށް ތަހުވީލުކުރީ ކަމަށް ހުކުމުގައިވެ އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި އިއްވި ޖަލު ހުކުމާ ގުޅޭގޮތުން ވެސް ހައި ކޯޓުން މިރޭ ގޮތެއް ނިންމާނެ އެވެ.