އެކުވެރި އަރަބި އިމާރާތުގެ ދުބާއީއަކީ އުމްރާނީ ގޮތުން ދުނިޔެއަށް ގިނަ އިންގިލާބުތަކެއް ގެނެސްފައިވާ ސަހަރެކެވެ.

ދުބާއީގެ ގިނަ އިމާރާތްތަކަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރެވޭ އިމާރާތްތަކަށްވާއިރު ކުރިއަށް ރޭވިފައި ހުރި އިމާރާތްތަކަކީ ވެސް ތަފާތު އިމާރާތްތަކެކެވެ.

އެގޮތުން ފާހަގަ ކޮށްލެވޭ އެއް އިމާރާތަކީ ހަނދުގެ ބައްޓަމަށް ދުބާއީގައި ބިނާކުރަން ނިންމާފައިވާ ޓޫރިސްޓް ހޮޓަލެކެވެ. މިއީ ދުބާއީއަށް އަންނަ ފަތުރުވެރިންނަށް އިތުރު ހައިރާން ކަމެއް ގެނުވާނެ އިމާރާތެކެވެ.

މޫން ވޯލްޑް ރިސޯޓް އިން އިމާރާތްކުރާ އެ ހޮޓަލަކީ 360 ޑިގްރީއަށް ފަރުމާކޮށްފައިވާ ދިގުމިނުގައި 735 ފޫޓު އަދި ވަށަމިނުގައި 2042 ފޫޓު ހުންނާނެ ރިސޯޓެެކެވެ.

ފަސް ތަރީގެ ފެންވަރަށް އިމާރާތްކުރާ މި ރިސޯޓުގައި އެންމެ ޒަމާނީ ފެންވަރުގެ ހިދުމަތްތައް ލިބެން ހުންނާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

ދެހާސް ބާވީސް ވަނަ އަހަރު މި ހޮޓަލުގެ މަސައްކަތް އިއުލާން ކުރެވުމަށްފަހު މިހާރު ކުރިއަށް ދަނީ އެ ހޮޓަލުގެ ޑިޒައިނިން އާއި ބަޖެޓިން މަސައްކަތްތައް ކަމަށް މޫން ވޯލްޑް ރިސޯޓުން ހާމަކުރެ އެވެ.

ދުބާއީގައި މިހާރު ހުރި 124 ފަންގިފިލާގެ ބުރުޖް ޚަލީފާއަކީ ދުނިޔޭގައި ވެސް ހުރި އެންމެ އުސް އިމާރާތެވެ. އޭގެ އިތުރުން ދުބާއީ ފްރޭމް، ބުރުޖް އަލް އަރަބްއަކީ ވެސް ދުބާއީގައި ހުރި ފާހަގަކޮށްލެވޭ އިމާރާތްތަކެވެ.