ކަސްރަތު ކުރުމަކީ ހަށިގަނޑު ރަނގަޅު ބައްޓަމެއްގައި ބެހެއްޓުމަށާއި ބައެއް ބަލިތަކުން ދިފާއުވުމަށް ކުރާ ކަމެއްކަން އެންމެންނަށް ވެސް އެނގެ އެވެ.
އެހެންނަމަވެސް ކަސްރަތު ކުރުމުގެ ސަބަބުން އިތުރު ފައިދާތަކެއް ވެސް ހަށިގަނޑަށް ލިބޭކަން އެނގެނީ މަދު ބަޔަކަށެވެ. އެގޮތުން ވިސްނުން ރަނގަޅުވުން ފަދަ ނަފްސާނީ އެތައް ފައިދާއެއް ވެސް ލިބެ އެވެ.
ކަސްރަތު ކުރުމުގެ ސަބަބުން ސީދާގޮތުންނާާއި ނުސީދާގޮތުން ވިސްނުން ރަނގަޅު ކުރުމަށް އެހީތެރިވެދެ އެވެ. މިގޮތުން ކަސްރަތު ކުުރުމުގެ ސަބަބުން އިންސުލިން ރެސިސްޓެންސް އާއި އިންފްލެމޭޝަން ދައްކޮށްދެ އެވެ.
ނަތީޖާއެއްގެ ގޮތުން އުފެދޭ ގްރޯތު ފެކްޓާގެ ސަބަބުން ސިކުނޑީގައި އާ ސެލްތައް އުފެދުމަށާއި ހަލާކުވެފައިވާ ސެލްތައް ސިކުނޑިން ބޭރުކޮށް، ސިކުނޑިއަށް ލޭ ދައުރު ކުރާ ލޭހޮޅި މަރާމާތު ކުރުމަށް އެހީތެރިވެދެ އެެވެ.
މީގެ އިތުރުން ކަސްރަތު ކުރުމުގެ ސަބަބުން ތިމާގެ ނިދުމުގެ އާދަ އާއި މިޒާޖަށް ވެސް ބަދަލުތަކެއް އާދެ އެވެ. ކަސްރަތު ބަރާބަރަށް ކުރުމުގެ ސަބަބުން ނިދުމުގެ އާދަ އެއްގޮތެއްގައި ހިފެހެއްޓުމުގެ ނަތީޖާއެއްގެ ގޮތުން ވިސްނުމުގެ ބާރު ރަނގަޅުކޮށްދެ އެވެ.
ހަމައެއާއެކު ޑިޕްރެޝަން އާއި އެންޒައިޓީ ފަދަ ކަންކަމަކީ ވެސް ކަސްރަތުން ކުޑަ ކުރެވޭނެ ކަންކަން ކަމަށް މާހިރުން ވިދާޅުވެ އެވެ.
މިކަމަށް ބާރުދޭ ދިރާސާތަކެއް ވެސް ކުރެވިފައި އެބަހުއްޓެވެ. މިގޮތުން ހާވާޑް ޔުނިވާސިޓީގެ ނިއުރޯބައޮލޯޖިސްޓެއް ކަމަށްވާ ސްކޮޓް ތިން އަހަރު ދުވަހު އެކި އުމުރު ފުރައިގެ މީހުން ބޭނުންކޮށްގެން ހެދި ދިރާސާއެއްގައިވާ ގޮތުން ޤަވާއިދުން ކަސްރަތު ކުރާ މީހުންގެ އިންޓެލިޖެންސް ކޯޝަންޓް މައްޗެވެ.