މާލޭ މީހުންނަށް ގޯތި ދޭން ނިންމާފައިވާ ގުޅިފަޅުގައި މިހާރު ހިއްކާފައިވާ ސަރަހައްދުން ގޯތި ދޫކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ސަރުކާރުން ހިއްކަން ފެށި ގުޅިފަޅުން ދޫކޮށްފައިވާ ގޯތިތަކަށް އެތަނުގެ އާ ލޭންޑް ޔޫސް ޕްލޭނާ އެކު، ގުގޯތިތަކުގެ ރަޖިސްޓްރީތައް ބާތިލްވުމުގެ ފުރުސަތު އެބައޮތް ކަމަށް ހައުސިން މިނިސްޓްރީން ދާދިފަހުން ބުނެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާދަމާ ވޯޓުލާން ހަމަޖެހިފައި ވަނިކޮށް މިއަދު ހެނދުނު ގުޅީފަޅާއި ބްރިޖްގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ގުޅިފަޅު ބިން ހިއްކުމުގެ މަސައްކަތަކީ މި ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތާއި އެއްގޮތައް އެންމެ ފުން ސަރަހައްދާ އެއްކޮށް ހިއްކާ ނިންމާނެ މަޝްރޫއެއް ކަމަށެވެ. މިހާރު ހިނގަނީ ހިއްކާފައިވާ ސަރަހައްދުގައި ހިމާޔަތްކުރުމަށް ތޮށި ޖެހުމުގެ މަސައްކަތްކަން ރައީސް ފާހަގަކުރެއްވި އެވެ.
އެ މަސައްކަތް ވެސް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށާއި، ރިވެޓްމަންޓް ޖެހުމަށް ބޭނުންވާ ހިލަވެސް ހުރީ ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގުޅީފަޅު ހިއްކާފައި އޮތް ސަރަހައްދު ހިމާޔަތްކުރުމަށް ތޮށި ޖެހުމުގެ މަސައްކަތް އޮގަސްޓް ނުވަތަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ. އަދި ބާކީއޮތް ސަރަޙައްދު ހިއްކުމަށް އެމްޓީސީސީއާއެކު ސޮއިކޮށްފައިވާ ކަމަށާއި، އެއީ 85 ހެކްޓަރުގެ ބިންކަމަށް ރައީސް ވިދާޅުވި އެވެ.
"ގޯތި ލިބުނު އެންމެންނަށް މިހާރު މި ހިއްކިފައި އޮތް ތަނުން ގޯތި ހަވާލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ. ދެން ގިރާވަޅުފަޅުން ގޯތިދޭ ސަރަހައްދުގެ އިތުރަށް ދީފަހުރި ގޯތިތައް ގުޅިފަޅަށް ބަދަލުކުރަން އެދޭ ފަރާތްތަކަށް އެ ފުރުސަތު އެއޮތީ ހުޅުވާލެވިފައި މިހާރު. އެހެންވީމަ އެ ފަރާތްތަކާއި އެކީގައި އެ ފަރާތްތަކަށް ގޯތި ހަވާލުކުރެވިގެންދާނެ. ވަރަށް އަވަހަށް ގޯތި ހަވާލުކުރާނަން." ރައީސް މުއިއްޒު ވިދާޅުވި އެވެ.
ބައެއް މީޑިއާތަކަށް ދައުވަތު ދީގެން ކުރެއްވި ދަތުރުފުޅުގައި ރައީސް ވިދާޅުވީ ގުޅީފަޅުގައި ފެނާއި، ކަރަންޓާއި، ނަރުދަމާއާއި މަގުހެދުމަށް ވެސް މިއަހަރު ތެރޭގައި ބޮޑު މަޝްރޫއެއް ފެށިގެންދާނެ ކަމަށެވެ. މިހާރު އެކަމާ ބެހޭ އިނިޝިއަލް އެމްއޯޔޫގައި ސޮއިކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެ މަސައްކަތަށް ބޭނުންވާ ފައިސާ ވެސް ޗައިނާ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހަމަޖެހިފައިވާ ކަމަށެވެ.