އާ ލޭންޑް ޔޫސް ޕްލޭނާ އެކު، ގުޅިފަޅުން ކުރިން ދޫކޮށްފައިވާ ގޯތިތަކުގެ ރަޖިސްޓްރީތައް ބާތިލްވުމުގެ ފުރުސަތު އެބައޮތް ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ރޭ އެމްއެންޔޫ އޮޑިޓޯރިއަމްގައި، ގުޅީފަޅު އާ ލޭންޑް ޔޫސް ޕްލޭންނަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި ބުނެފައި ވަނީ، ކުރީ ސަރުކާރުން ގޯތި ލިބޭނެ ކަމަށް ކަނޑައެޅި ލޮކޭޝަންތައް ލޭންޑް ޔޫސް ޕްލޭންއާ އެކު ބަދަލުވެފައިވުމުން، ކުރިން ދިން ރަޖިސްޓްރީތައް ބާތިލްކުރަން ޖެހި، އާ ރަޖިސްޓްރީ ދޫކޮށް އަދި އެއްބަސްވުންތަކުގައި އަލުން ސޮއިކުރަން ޖެހިދާނެ ކަމަށެވެ. އަދި މިކަން މުޅިން ފައިނަލް ނުވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މި ބައްދަލުވުމުގައި ހައުސިން މިނިސްޓްރީގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އާ ލޭންޑް ޔޫސް ޕްލޭންއާ އެކު އަލުން ގުރުއަތު ލައިގެން ޕްލޮޓް ލިބޭ ސަރަޙައްދު ކަނޑައަޅަން ޖެހޭނެ އެވެ.

މީގެ އިތުރުން، އެ ބައްދަލުވުމުގައި، މިހާރު ހިއްކާފައިވާ ސަރަހައްދުތަކުން ގޯތި ދޭން ގިނަ އަދަދެއްގެ ރައްޔިތުން އެދުނު ނަމަވެސް، އާ ލޭންޑް ޔޫސް ޕްލޭންއާ އެކު އެއީ ދެން ނުވާނެ ކަމެއްކަމަށް ވަނީ ބުނެފަ އެވެ. އަދި ސަރުކާރުގެ ޕްލޭނަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިތުރުކޮށްފައިވާ 85 ހެކްޓަރު ނިންމާފައި ގޯތި ހަވާލުކުރުން ކަމަށް ވަނީ ބުނެފަ އެވެ.

ސަރުކާރުން މިހެން ބުނެފައިވާ އިރު، ރައީސް މުއިއްޒު އިތުރުކޮށްފައިވާ 85 ހެކްޓަރު ހިއްކަން ފައިސާ ހަމަޖެހުނު ކަމެއް، އަދި މަސައްކަތް ފެށޭނެ ދުވަހެއް އަދި ނިންމޭނެ ދުވަހެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ.