ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ބިންވެރިޔާ ސްކީމް"ގެ ދަށުން ބިން ނުހިއްކާ ސަރަހައްދުތަކުން ގޯތި ލިބުނު ފަރާތްތަކަށް ވެސް ގޯތި ލިބުނުކަމުގެ ވަގުތީ ލިޔުމެއް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސް ޖަވާބުދެއްވުމުގެ ގޮތުން ރައީސް އޮފީހުން ފަށާފައިވާ ސިލްސިލާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ

"ރައީސްގެ ޖަވާބު" ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމަށް ހ. މެލްބާން، އިބްރާހީމް ސަމާހު، މާލޭގެ ރައްޔިތުންނަށް ގޯތި ހަވާލުކުރުމުގެ ކަންކަން ކުރިއަށްދާގޮތާމެދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ގުޅިފަޅާއި ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތްތައް ކުރައްވަމުން އަންނަކަމަށެވެ. މިދިޔަ ސަރުކާރުގައި ބިން ނުހިއްކާ ތަންތަނުން ވެސް ބައެއް މީހުންނަށް ގޯތި ދޫކޮށްފައިވާތީ އެކަމަށް އިޝާރާތްކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ، ބިން ނުހިއްކާ ސަރަހައްދުތަކުން ގޯތި ލިބުނު ފަރާތްތަކަށް ވެސް ގޯތި ލިބުނުކަމުގެ ވަގުތީ ލިޔުމެއް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ގާނޫނީ ގޮތުން ރަޖިސްޓްރީއެއް މިހެދެނީ ބިން ހިކުނީމަ. ނަމަވެސް ގޯތި ލިބުނުކަން ކަށަވަރުކުރުމަށްޓަކައި ވަގުތީ ލިޔުމެއް ދިނުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން. އެހެންވީމަ ގުޅިފަޅުން ވިޔަސް، ގިރާވަރު ފަޅުންވިޔަސް އަދި ހުޅުމާލޭގެ ފަޅުތެރެއިން ހިއްކަމުންދާ ބައިން ގޯތި ލިބުނު މީހުންނަށް ވެސް ލިޔުމާއި ގޯތި ދޫކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް އެބަދޭ." ރައީސް މުއިއްޒު ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކުރަން ނިންމަފައިވަނީ ހުޅުމާލެ 2 އާއި އަލަށް ހިއްކާ ހުޅުމާލެ 3 އިންނެވެ. މީގެ އިތުރުން ގުޅިފަޅާއި ގިރާވަރުފަޅު ހިއްކައިގެން ގޯތި ދޫކުރަން ވަނީ ނިންމައިފަ އެވެ. އެގޮތުން ހުޅުމާލެއިން 1351 ގޯތި، ގުޅީފަޅުން 2218 ބިން އަދި ގިރާވަރު ފަޅުން 5432 ގޯތި ދޫކުރުމަށް އޮތީ ނިންމައިފަ އެވެ. ގޯތި ދޫކުރުމަށްޓަކައި އެތަންތަން ހިއްކުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނައިރު ހުޅުމާލެއިން ގޯތި ލިބުނު މީހުންގެ ބިން ހަވާލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.