ގައުމުގައި ވެރިކަންކުރާ ރައީސަކަށް ގައުމު ތަރައްގީކޮށް ރަނގަޅަށް ކަންކަން ފުރިހަމަ ކުރުމަށް 10 އަހަރު ބޭނުންވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.

މަބްރޫކް މިހެން ވިދާޅުވީ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

މަބްރޫކް ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު މިހާރު ހިނގާގޮތުން ތަރައްގީ ގެނައުމުގައި ލަސްތަކެއް ކުރިމަތިވާ ކަމަށެވެ. އެގޮތުން ފަސް އަހަރުގެ އެއް ދައުރަށްވުރެ ދިގުކޮށް މިހާތަނަށް އައިރު ރާއްޖޭގެ ޑިމޮކްރަސީގައި ވެރިކަން ކުރެވިފައި ނުވާކަމަށާއި މި މުއްދަތަކީ ތަރައްގީ ގެނައުމަށް އެންމެ އެކަށޭނަ މުއްދަތެއް ނޫންކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި ފަސް އަހަރުގެ ތެރެއިން އެންމެ ފަހު ދެއަހަރު ބޮޑަށް އުޅެންޖެހެނީ ކެމްޕެއިންގައި ކަމަށާއި ދެ ދައުރު އޮންނަ ނަމަ ފަހު ފަސް އަހަރު ޕްލޭން ކުރެވިފައިވާ ކަންކަމަށް ފޯކަސް ކުރެވިގެން މަސައްކަތް ކުރެވޭނެ ކަމަށާއި އެގޮތުން ފަހު ފަސްއަހަރުގައި އިތުރަށް ވިސްނަން ޖެހޭނެ ކަމެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ދެ ދައުރު ނުލިބެންޔާ ލޯންގްޓައިމް ޕްލޭން ޕްލޭންކޮށްގެން ކަންކަން ކުރާނެ ފުރުސަތު ނުލިބޭ. ކުރިއަރާފައިހުރި ޑިމޮކްރެސީތަކުގައި ދެ ޓާމް ލިބިގެން ކަންކަންކުރެވެނީ،" މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ ޓޫ ޓާމް ޕްރެޒިޑެންސީ އެއީ ރާއްޖޭގައި ވެސް ދެކެން ބޭނުންވާ ގޮތް ކަމަށެވެ.

މިސާލެއްގެ ގޮތުގައި މަބްރޫކު ވިދާޅުވީ އޮބާމާގެ ފުރަތަމަ ހަތަރު އަހަރުގައި ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމާމެދު ވަރަށް ބޮޑަށް ވިސްނާވަޑައިގެންނެވި ކަމަށާއި ނަމަވެސް ފަހު ދައުރުގެ ހަތަރު އަހަރުގައި އެމެރިކާގެ ފަހުގެ ތާރީޚެއްގައި އެއްވެސް ރައީސަކު ޑެލިވާނުކުރައްވާ މިންވަރަށް އޭނާ ޑެލިވާކުރެއްވި ކަމަށް ވެސް މަބްރޫކު ވިދާޅުވި އެވެ.

ދެވަނަ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވާދަކުރައްވަފާނެތޯ ސުވާލުކުރުމުން، މަބްރޫކް ވިދާޅުވީ ރައީސް ވާދަކުރައްވާނެތޯ ނުވަތަ ނޫންތޯ ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ރައީސް ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތިލައްވާނަމަ ކެމްޕެއިންގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކަކީ ކޯވިޑް19ގެ ލޮކްޑައުންގެ ތެރޭގައި އެންއީއޯސީގެ ތަރުޖަމާނުގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ.

އެ މަގާމުގައި ހުންނަވައިގެން ސަރުކާރުން ހަދާ ގޯސްތައް ފޮރުވާ ސަރުކާރުގެ މޫނުމަތި ރަނގަޅު ކުރުމަށް މަބްރޫކް ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. އެގޮތުން މި ސަރުކާރުން ހިންގާފައިވާ ބޮޑު ކޮރަޕްޝަން، "ވެންޓިލޭޓަރު ވައްކަން" ސިއްރުކުރައްވާ އެކަން ފޮރުވުމަށް މަސައްކަތްކުރެއްވި ކަމަށް ގިނަ ބަޔަކު ފާހަގަކުރެ އެވެ.

ރައީސް އޮފީހުގެ އަންޑަސެކްރެޓަރީގެ މަގާމުގައި ހުންނެވި މަބްރޫކު ތަރުޖަމާނު ކަމުގެ މަގާމަށް ޕްރޮމޯޓް ކުރެއްވީ މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ.